ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އއ. އުކުޅަހުގައި ފެން ބޮޑުވުމުގެ ސަބަބުން ރަށު މެދުން ކޯރެއް ކެނޑުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން އުކުޅަހު ބައެއް ގޭގެ އަށް ވެސް ދަނީ ފެންވަންނަމުންނެވެ. މިކަމާ ގުޅިގެން ޕަންޕު ބޭނުން ކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އަދި ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަކާ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެ ރަށު ކައުންސިލާ ޕޮލިސް ޑެސްކުން ދަނީ ކުރަމުންނެވެ.

އުކުޅަހުގައި ފެން ބޮޑު ވެ ގޭގެއަށް ފެންގަނޑު ވަނުމުގެ ސަބަބުން އެ ރަށު ގޭގެއަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރޭ ފަތިހު ލ. ފޮނަދޫ އަށް ނަގޫރޯޅިއެއް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އަދ ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިއަދު ހެނދުނުއްސުރެ ފެށިގެން މާލޭ ރާޅުގަނޑު ސަރަހައްދާ ވީ ފަޅިއަށް ދަނީ އުދަ އަރަމުންނެވެ.