އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ގްރެވިޓީ އިންޑަސްޓްރީޒް އިން އުފައްދާ ޖެޓް ސޫޓް (އަޔަން މޭން ސޫޓް) ލައިގެން އެ ކުންފުނީގެ ސީއީއޯ ރިޗަޑް ބްރައުނިން (ރިއަލް ލައިފް އަޔަން މޭން)، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި އުދުހި ލައިފިއެވެ.

އަޔަން މޭން ސޫޓް އުފެއްދި ރިޗާޑް އެ ރިސޯޓުގައި އުދުހޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި އިއްޔެ ވަނީ ހިއްސާ ކޮށްފައެވެ. މި ވީޑިއޯ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

މީގެ އިތުރުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ އޮފިޝަލް ޓްވިޓާ އެކައުންޓުގައި ވެސް އެ ސޫޓު ލައިގެން އުދުހޭ މަންޒަރު މިއަދު ހިއްސާ ކޮށްފައި ވެއެވެ. އެ ރިސޯޓުގެ ވީޑިއޯ ގްރެވިޓީ އިންޑަސްޓްރީޒް އިންވެސް ރިޓްވީޓް ކޮށްފައިވެއެވެ.

ގްރެވިޓީ އިންޑަސްޓްރީޒްއިން ޖެޓް ސޫޓް އުފައްދާފައިވަނީ 2017 ވަނަ އަހަރުއެވެ. މި ސޫޓް އިނގިރޭސި ވިލާތުގެ ލަންޑަންގެ މާކެޓަށް ނެރެފައިވަނީ މިދިޔަ އަހަރު ތެރޭގައެވެ.

އަޔަން މޭން ސޫޓްގެ ނަމުން މަޝްހޫރު ވެފައިވާ މި ސޫޓް ގެ އަގަކީ 443،300 އެމެރިކާ ޑޮލަރެވެ. މި އަގުހުރި ޖެޓް ސޫޓް ލައިގެން ގަޑިއަކު 32 މޭލު ބާރު މިނުގައި، 12،000 ފޫޓު މަތިން އުދުހެވޭނެއެވެ. ތްރީޑީ ޕްރިންޓްގެ އެހީގައި ފަރުމާ ކޮށްފައިވާ ޖެޓް ސޫޓް ލައިގެން ގާތްގަނަޑަކަށް 3 ގަޑި އިރާ 4 މިނިޓް އުދުހިފައި އުޅެވެއެވެ. ޖެޓް ސޫޓް ގަނެވޭނެހާ ތަނަވަސް ކަން ނެތް ފަރާތްތަކަށް 39،000 އެމެރިކާ ޑޮލަރުގެ އަގެއް ދެއްކުމަށް ފަހު، އުދުހިލުމުގެ ފުރުސަތު ވެސް އެ ކުންފުނިން ހުޅުވާލާފައި ވެއެވެ.