މިއަދު ހެނދުނުން ފެށިގެން ލޮނު ޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދާ ވީ ފަޅިއަށް ދަނީ އުދަ އަރަމުންނެވެ. މިއަދު ހެނދުނުން ފެށިގެން މާލޭ ރާޅުގަނޑު ސަރަހައްދަށް އުދައަރަމުން ދާތީ އެ ސަރަހައްދަށް އަރައިފައިވާ ވެލި ސާފުކުރުމުގެ މަސަތްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.

މިއަދު ހެނދުނުން ފެށިގެން މޫދުން ލޮނު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ފެންހެދި ގިނަ އަދަދަކަށް ކުދި ގާ, މަގުމައްޗަށާއި ރާޅުގަނޑު ސަރަހައްދަށް އަރާފައި ވުމުން ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ރާޅުގަނޑު ސަރަހައްދަކީ ކޮންމެ އަހަރަކުވެސް މިދުވަސްކޮޅު އުދަ އަރަމުންދާ ސަރަހައްދެކެވެ. މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަމުންދާ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ. ނަމަވެސް އުދަ އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާކަމަށް މެޓް އޮފީހުން ބުނެއެވެ.