ރޭ ފަތިހު ލ. ފޮނަދޫއަށް އެރި ނަގޫ ރޯޅީގައި 12 ގެއަކަށް ގެއްލުންވެ، އޭގެ ތެރެއިން ހަ ގެއެއްގައި ދިރިނޫޅޭވޭ ވަރަށް ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ ޔުނިޓްގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ވިދާޅުވެއްޖެއެވެ.

ނަގޫރޯޅީގައި ލ. އަތޮޅަށް ލިބުނު ގެއްލުމުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޮފީނާޒް ވިދާޅުވީ ބާރަ ގެއަކަށް ގެއްލުން ލިބުމުގެ ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރެއިން ހަ ގެއެއްގައި ދިރިނޫޅުވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ގެތަކުގައި ދިރިއުޅުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެ މީހުންގެ އާއިލާއިން ކަމަށެވެ. ސޮފީނާޒް ވިދާޅުވީ އަނެއް ހަ ގޭގެ ފުރާޅަށް ގެއްލުން ލިބުނު ނަމަވެސް، އެ ގެތަކުގެ ބައެއް ކޮޓަރިތައް ބޭނުން ކުރެވޭތީ ބޯހިޔާވަހިކަން ހޯދަމުން ދަނީ އެގެތަކުން ކަމަށެވެ.

"އެއްގެއެއްގައި އެންމެ ކޮޓަރިއެއް ބޭނުންކުރެވެނީ. އެތަނުގައި މުޅި އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން ނެތީމާ، ކައުންސިލާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ. ދެން ކުރިއަށް ގަޑިތަކުގައި މޫސުން ގޯސްވާނެކަމަށް މެތް އޮފީހުން ބުނެފައިވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން" ސޮފީނާޒް ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓާ ޔުނިޓްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓީވް އުމަރު ފިކުރީ ވިދާޅުވީ ރޭ ލ. އަތޮޅަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފޮނަދޫއަށް ކަމަށާއި، ގޭގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން ބޮޑެތި ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ރޭ ފޮނަދޫ އަށް އެރި ނަގޫރޯޅީގައި ގެއެއްގެ ފުރާޅު އެއްލާލާފައި

ފިކުރީ ވިދާޅުވީ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ އިރު، ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ވެސް ހަދަމުންދާ ކަމަށެވެ. އަދި ފޮނަދޫ ކައުންސިލްގައި އިމަޖެންސީ އޮޕްރޭޝަން ސެންޓްރެއް ގާއިމްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ އެސެސްމަންޓް ހަދާ ފުރާޅު އެއްލާލި ގެތަކުގެ މަރާމާތުކޮށް މިއަދު އިރުއޮއްސުމުގެ ކުރިން ގެތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮޅިގަނޑުގެ ސަބަބުން ކަރަންޓް ދިޔަ ގެތަކަށް ކަރަންޓް އަލުން ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފިކުރީ ވިދާޅުވިއެވެ.