ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި، ޕީޕީއެމް ގުޅިގެން ބައެއް ދާއިރާތަކަށް ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިންމި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމިން ފާޅުގައި ޖޭޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށް ޖޭޕީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން ވާދަ ނުކުރާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ޔާމީން މަސައްކަތް ކުރެއްވީ ޖޭޕީއާއި ދެކޮޅަށް ކަމަށެވެ. އަދި ޔާމީން ފާޅުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރެއްވި ކަމަށާއި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމަށް ގޮނޑިތަކެއް ހޯދައިދޭން ސީރިއަސް މަސައްކަތްކުރެއްވި ތަން ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމްގެ އިސް ލީޑަރު ރައީސް ޔާމީންވެސް ދެކޮޅަށް މަސައްކަތްކުރެއްވިކަން އެނގޭ. ހުދު އަޅުގަނޑާ ދެކޮޅަށް މަސައްކަތްކުރެއްވިކަންވެސް އެނގޭ. އޭގެ ހެކިވެސް އެބަހުރި އަޅުގަނޑުގެ އަތުގައި" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވަނީ ޖެޕީއަށް ނާކާމިޔާބިއާއި ކުރިމަތިލާން ޖެހުނު ސަބަބުވެސް ވިދާޅުވެފައެވެ. އެގޮތުން އިންތިހާބަށް ކުޑަ ދުވަސްކޮޅެއް ވަންދެން ޕާޓީން މަސައްކަތް ކުރީ ރިޔާސީ އިންތިހާބުގެ ކުރިން ވެފައިވާ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރެވޭތޯ ކަމަށާއި، ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު ގޮތެއް ނިންމުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނު ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ފަހަކާ ޖެހެންދެން ޖޭޕީން މަސައްކަތް ކުރީ އެއްބަސްވުމުގައި ވާ ގޮތަށް 22 ދާއިރާއަށް ވާދަކުރަން. ދެން އެދަނޑިވަޅުގައި ޖޭޕީން ބޭނުންވީ އެކުގައި މަސައްކަތްކުރާނެ ކޮންމެ ބަޔަކާއެކުވެސް މަސައްކަތްކުރުމަށް. ޖޭޕީއަށް ގޮނޑިތައް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްކުރެއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގިނިކަންޔާ. ޖޭޕީގެ ލީޑާޝިޕުންވެސް ގިނަ ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރިތަން ފެނިވަޑައި ނުގެންނެވި" ލީޑާޝިޕަށް ފާޑުވިދާޅުވަމުން ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޖޭޕީން ކުރިމަތިލި 41 ގޮނޑި ކާމިޔާބުކުރުމަށް ލީޑާޝިޕުން މަސައްކަތް ކުރިތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ޕާޓީގެ ސްލޮޓްގައި ކެބިނެޓަށް އައްޔަން ކުރެވުނު މިނިސްޓަރުން ވެސް އަދި އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތް ފެނިވަޑައިނުގަންނަވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ޖޭޕީގެ ސްލޮޓުގައި ހިމެނޭ މިނިސްޓަރުން އެމްޑީޕީގެ ބައެއް ކެމްޕޭންތަކުގައި ބައިވެރިވެވަޑައިގެން ޖޭޕީގެ ލީޑަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ޖޭޕީ ތެރޭގައި މައްސަލަ ހޫނުވެގެން ދިޔައީ ޔާމީނާއެކު މަސައްކަތް ކުރައްވަން ނިންމެވި ހިސާބުންނެވެ. އެގޮތުން ޖޭޕީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޖޭޕީއަށާއި، ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ޖޭޕީއަށް ކާމިޔާބުވީ ވާދަކުރި ދާއިރާގެ ތެރެއިން ހަ ދާއިރާގެ ގޮނޑިއެވެ. ޖޭޕީގެ ލީޑަރު ގާސިމް ވަނީ ނާކާމިޔާބުވެވަޑައިގަތީ މަސައްކަތް ކޮށްނުދެއްވައިގެން ނޫން ކަމަށާއި، ނާކާމިޔާބުވެވަޑައިގަތީ އެމްޑީޕީން ފައިސާ ބެހުމުންކަމަށް ވިދާޅުވެފައެވެ.