ރާއްޖެއަށް މިހާރު ކުރަމުން ދާ މޫސުމީ ވިއްސާރައިގައި ލ. ފޮނަދޫ އަށް ނަގޫރޯޅިއެއް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާގައި ފޮނަދޫގެ 9 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ފުރާޅު އެއްލާލުމާއި، ފުރާޅު މައްޗަށް ބޮޑެތި ގަސްތައް ވެއްޓުންފަދަ ގެއްލުން ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން ފޮނަދޫ ބަނދަރުގައި އަޅައިފައި އޮތް ދެ ލޯންޗަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. އަދި ފަޅުގެއެއްގެ ފާރު މި ހާދިސާގައި ވަނީ ވެއްޓިފައިކަމަށް ވެސް ފުލުހުން ބުނެއެވެ

ގެއްލުން ލިބިފައިވާ ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސަތްކަތް އެމްއެންޑީއެފް، ފުލުހުން އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރޭ ލ. އަތޮޅަށް ކުރި ވިއްސާރައިގައި އެ އަތޮޅު ހިތަދޫގެ ގެއެއްގެ ފުރާޅުވެސް ވަނީ އެއްލާލާފައެވެ. އަދި އިތުރު ރަށްތަކަށް ލިބިފައިވާ ގެއްލުން ބަލަމުން ދާކަމަށް ފުލުހުން ބުނެއެވެ.

މެޓްއޮފީހުން ރޭ ވަނީ ގަދަޔަށް ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓްއެލާޓް ނެރެފައެވެ.