އަވަހާރަކޮށްލާފައިވާ އުނގޫރާފު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ހާމަކުރައްވާނެ އިތުރު އާ މައުލޫމާތެއް ނެތްކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ރިޔާޒު ޕޮލިސް ކޮމިޝަނަރުކަމުގައި ހުންނަވަނިކޮށެވެ. އަދި އެ މައްސަލައިގެ މައުލޫމާތު އެކަށީގެންވާ ޕްލެޓްފޯމެއްގައި ހިއްސާ ކުރައްވާނެކަމަށް ރިޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި އިތުރު މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ވެސް ރިޔާޒު މިހާތަނަށް އެ މައުލޫމާތު ދެއްވާފައެއް ނުވެއެވެ.

ރިޔާޒް ވިދާޅުވީ މިހާތަނަށް އޭނާއަށް ލިބިވަޑައިގެން ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނަވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތަކަކީ ކޮމިޝަނަރުކަމުގައި ހުންނަވަނިކޮށް ލިބިވަޑައިގެން މައުލޫމާތުކަމުން، މަރު ކޮމިޝަނަށް ހިއްސާ ކުރައްވަންޖެހޭ އާ މައުލޫމާތެއް ނުހުންނާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ރިޔާސީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ފުލުހުންގެ އިދާރާއިން ހޯއްދަވާފައިވާ ކަން ގަބޫލުކުރައްވާ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އެ ވާހަކަ ސޯޝަލް މިޑިއާގައި ހާމަކުރައްވަން ބޭނުން ނުވާކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ މައުލޫމާތު އެ ކޮމިޝަނަށް ބޭނުންވަންޏާ ހުރިހާ މައުލޫމާތެއް ފުލުހުން އެއޮތީ ފޯރުކޮށްދީފައޭ. އަޅުގަނޑުގެ ފަރާތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އޮތްނަމަ އަޅުގަނޑު ގަބޫލުކުރަނީ ވިދާޅުވާނެކަމަށް" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މަރު ކޮމިޝަނަށް އަމިއްލައަށް ގޮސް މައުލޫމާތު ހިއްސާ ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް ކޮމިޝަނުން އެ މައުލޫމާތު ހޯދަން ބޭނުންވާ ނަމަ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާގެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާނެ ކަމަށެވެ.

"އެ ވިސްނުން އަޅުގަނޑަށް ނައީ އަޅުގަނޑު ހުރި އިންސްޓިޓިއުޓްގައި ހުރިހާ މައުލޫމާތެއް ހުންނާނެތީވެ. އަޅުގަނޑު އަމިއްލައަށް ދާންޖެހޭ ސަބަބެއް އޮތްކަަމަށް ގަބޫލުނުކުރަން. އެއީ އަޅުގަނޑު ކޮމިޝަނަރަކަށް ހުއްޓާ ލިބުނު މައުލޫމާތެއް ހުރިހާއެއްޗެއް، ހުރިހާ މައުލޫމާތެއް ހުރީ ފުލުހުންގެ އިދާރާގައި. އިތުރުކަމެއް ސާފުކުރަން އޮތްކަމަށް ގަބޫލެއް ނުކުރަން" ރިޔާޒު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ހަގީގަތާ ހަމައަށް ދެވިއްޖެކަމަށް ބުނެފައެވެ. އެ ކޮމިޝަނުން ވަނީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. މި ވީޑިއޯ އަކީ އަފްރާޝީމް އަވަހާރަކޮށްލި ރޭގެ ސީސީޓީވީ ފުޓޭޖެކެވެ.