މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ރޭ ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރު ކޮށްފިއެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ރޭ 12:30 އިން މިއަދު 6:30 އަށް ނެރުނު އެލާޓް ގެ ވަގުތު ހަމަވުމުން، މިއަދު ހެނދުނު 6:30 އިން ފެށިގެން މެޓުން ވަނީ އެ އެލާޓް ގެ ވަގުތު މިއަދު މެންދުރު 12:30 އާ ހަމައަށް އިތުރު ކޮށްފައެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުރުރާނެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ.

އިއްޔެ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށްފައިވެއެވެ. އެ ގޮތުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެ މެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި ލ. ފޮނަދޫއަށް ރޭ ފަތިހު ނަގޫ ރޯޅިއެއް އަރާ ބޮޑެތި ގެއްލުން ތަކެއް ވަނީ ވެފައެވެ. އެ ހާދިސާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލާ ގިނަ ގަސްތައް ވެއްޓި އެކި ވަރުގެ ގެއްލުން ލިބިފައި ވެއެވެ.

މީގެ އިތުރުން އިއްޔެ އައްޑޫ ސިޓީއަށް މޫސުން ގޯސްވެ، އެއަތޮޅު ހިތަދޫގެ ބޮޑު ބަޔަކަށް ވަނީ އުދަ އަރާފައެވެ.

ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިދިޔަ ހަފްތާގެ ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފައި ވެއެވެ. އިސްތިސްގާ ނަމާދަށް ފަހު ރާއްޖޭގެ ގިނަ ސަރަހައްދު ތަކަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.