ކަންގަނާ ރެނޯޓްއާއި ރާޖްކުމާރު ރާއޯގެ އެންމެ ފަހުގެ ފިލްމް "މެންޓާލް ހޭ ކިޔާ"ގެ ޕޯސްޓަރުތަކަކީ، ނަފްސާނީ ބައްޔާ މެދު ނުރަނގަޅު ތަސައްވުރެއް ތަސްވީރުކޮށްދޭ ޕޯސްޓަރުތަކެއް ކަމަށް ބުނެ، އިންޑިއާގެ ސައިކްރޭޓިކް ސޮސައިޓީ (އައި.ޕީ.އެސް)އިން، ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީ.ބީ.އެފް.ސީ)އަށް އެ މައްސަލަ ހުށަހަޅައިފިއެވެ.
ސީ.ބީ.އެފް.ސީގެ އިސްވެރިޔާ ޕްރާސޫން ޖޯޝީއަށް އެޑްރެސްކޮށް އައި.ޕީ.އެސްއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އެކްތާ ކަޕޫރުގެ ބަލާޖީ މޯޝަން ޕިކްޗާޒްގެ އެއްބާރުލުމާއެކު އުފައްދާފައިވާ ފިލްމް "މެންޓާލް ހޭ ކިޔާ"ގެ ޕޯސްޓަރުތަކުން ފެންނަ ބައެއް މަންޒަރުތަކަކީ، 2017 ވަނަ އަހަރު އިންޑިއާގައި އެކުލަވާލި ނަފުސާނީ ދުޅަހެޔޮ ކަމާ ބެހޭ ގާނޫނާ ފުށޫ އަރާ މަންޒަރުތަކެއް ކަމަށެވެ.
ފިލްމުގެ ނަމަކީވެސް ނަފުސާނީ ބަލިމަޑުކަމުގެ ތަކުލީފު އުފުއްލަމުންދާ މީހުންނަށް ކުރެވޭ ބޭއިންސާފެއް އަދި އެފަދަ މީހުން އެކަހެރިކޮށް ތަފާތު ކުރުމަށް ހިތްވަރުދޭ ނަމެއް ކަމަށާ، މިހާރުން މިހާރަށް ފިލްމުގެ ނަން ބަދަލުކޮށް، ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަބުރާ އިއްޒަތް ރައްކާތެރި ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށްވެސް އައި.ޕީ.އެސްގެ ސިޓީގައިވަނީ ގޮވާލާފައެވެ.
އައި.ޕީ.އެސްގެ ދައުވާތަކާ ގުޅިގެން ބަލާޖީ މޯޝަން ޕިކްޗާޒްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.