ސީ ޕްރޭމް ކުމާރުގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ ތަމަޅަ ފިލްމް "96"ގެ ތެލޫގޫ ރީމޭކްގެ މަންޒަރުތައް ދިވެހިރާއްޖޭގައި ޝޫޓުކުރުމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ވިޖޭ ސެތޫޕާތީއާއި ޓްރިޝާ ކްރިޝަނަންގެ އެކްޓިންގް ފެނިގެންދިޔަ 2018 ވަނަ އަހަރުގެ ފިލްމް "96"ގެ ރީމޭކުން ފެނިގެންދާނީ ޝަރުވާ އާނަންދްއާއި ސަމަންތާ އައްކިނޭނީ ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ދޭ ގިނަ އެވޯޑްތަކެއްވެސް ހާސިލުކޮށްފައިވާ ފިލްމް "96"އަކީ ލޯބީގެ ފިލްމެކެވެ. ފިލްމް ބިނާވެފައި އޮންނަނީ ފްރީލާންސް ފޮޓޯގްރާފަރެއްގެ ދިރިއުޅުމުގެ މައްޗަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގައި ޝޫޓް ކުރަނީ ރީމޭކްގައި ހިމެނޭ ލަވައެއްގެ މަންޒަރުތަކެވެ. ރާއްޖޭގެ ޝޫޓިންގް ނިންމާލުމަށްފަހު ކްރޫދެން މިސްރާބު ޖަހާނީ ކެންޏާއަށް ކަމަށް ޚަބަރު ލިބެއެވެ. ފިލްމުގެ އެންމެ ފަހުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ ހައިދަރު އާބާދުގައެވެ.

ފިލްމް "96"ގެ ރީމޭކްގެ ޑައިރެކްޓަރަކީވެސް ސީ ޕްރޭމް ކުމާރެވެ. ރީމޭކް ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.