އިންޑިއާ ސިފައިންގެ 21 މީހަކު ރާއްޖެ އެތެރެ ވެފައިވަނީ ރާއްޖެއިން ދޫކޮށްފައި އޮތް ޓްރެވެލް ޑޮކިއުމެންޓެއްގައި ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު ފަތުރުއްވަމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އިންޑިއާ ސިފައިންގެ 21 މީހަކު ރާއްޖެ އެތެރެވީ ރާއްޖެއިން ދޫކޮށްފައިވާ ޓްރެވަލް ޑޮކިއުމެންޓެއްގައި ކަމަަށް ވިދާޅުވެ އުމަރު ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަވަމުން އެ ގެންދަވަނީ އެއްވެސް ހަމައެއް ނުބައްލަވާ ކަމަށާއި، ރާއްޖެ އައީ އިންޑިއާ ސިފައިންގެ 12 މީހަކު ކަމަށާ އެމީހުން ރާއްޖެ އައިސްފައިވަނީ އިންޑިއާ ޕާސްޕޯޓުގައި ކަމަށެވެ.

"އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަނެއްކާ ރާއްޖެއިން ޓްރެވެލް ޑޮކިއުމެންޓެއް ރާއްޖެ ރައްޔިތަކަށް ނޫނީ ދުލެއް ނުކުރާނެ. އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. އެބޭފުޅުން އެތެރެވެފައި ތިބީ އިންޑިއާ ޕާސްޕޯޓުގައި. އަނެއްކާ 21 ބޭފުޅުންނެއް ނޫން. އެއްވެސް ހަމައެއް ނުބައްލަވާ ދައްކާ ވާހަކަ އެއީ" ހަނަފީ ވިދާޅުވިއެވެ.

އުމަރު ފޭސްބުކު ޕޭޖްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަދު އިންޑިއާ ސިފައިންގެ 21 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި މީހުން އަތުގައި އޮތީ އިންޑިއާގެ ޕާސްޕޯޓެއް ނޫން ކަމަށާއި، ރާއްޖެއިން ދޫކޮށްފައި އޮތް ޓްރެވެލް ޑޮކިއުމެންޓެއް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ދަނީ ރާއްޖޭގެ މިނިވަންކަމާ އަމިއްލަ ވަންތަކަން ދޫކޮށްލާ އިންޑިއާގެ ސްޓޭޓަކަށް މި ގައުމު ހެދުމާ ދިމާލަށް ކަމަށެވެ.

https://www.facebook.com/UmarNaseerMV/posts/1287039068114892

އިންޑިއާ ސިފައިންގެ 21 މީހަކު ރާއްޖެ އައި ވާހަކައާއި ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ރާއްޖެ އައިސްފައިވަނީ އިންޑިއާގެ 12 ސިފައިން ކަމަށެވެ. އަދި އެމީހުން އައިސްފައިވަނީ ގަވާއިދާ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކަމަށާއި، އިންޑިއާ ސިފައިންގެ 21 މީހުން އައިކަމަށް ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ. އަދި އެ 12 ސިފައިންނަނީ ހެލިކޮޕްޓަރުގެ ޓެކްނިކަލް ޑިއުޓީ ޓީމްގެ ބަދަލަށް އައި ޓީމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.