ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީޖާބާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެވެ.

ދީޖާބާއަށް 348 މިލިއަން ރުފިޔާ ދޭން ދަށު ކޯޓުން ހުކުމް ކުރީ، އެއިރުގެ ސަރުކާރުން އުތުރު ޕްރޮވިންސް ގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދަށު ކޯޓުން އޮކްޓޯބަރު 23، 2014 ގައެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީބާޖާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ދީޖާބާއާއެކު ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އަދި އެ އެއްބަސްވުން ބާތިލް ކޮށްފައިވަނީ ނަޝީދު އިސްތިއުފާ ދެއްވާ، ވެރިކަމާ އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަވާލުވެވަޑައިގެން 2013 ވަނަ އަހަރުއެވެ. އަދި އެއްބަަސްވުން އުވާލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދީޖާބާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން، ސިވިލް ކޯޓުން ހުކުމް ކުރީ އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ.

އަދި މި މައްސަލަ އިސްތިއުނާފް ކުުރުމަށް ވަހީދުގެ ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު އެ މައްސަލަ ހައި ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ފައިސާ ދައްކަން ނުޖެހޭނެކަމަށް ހުކުމްކޮށްފައެވެ. އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ދީޖާބާއިން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް. ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.

ދީޖާބާއަކީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދީޖާބާއަށް ފައިސާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލައިގައި ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ.