މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދަށް ހިމާރަށް ގޮވީ، ވައްކަމުގެ ތުހުމަތު އެޅުވުމުން ކަމަށާ، ހިމާރަށް ގޮވީ ސާބިތު ކަމާއެކީ އެކަން އެނގިހުރެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ މީހެއްގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ހާކިމަކު ވެސް ކުރަން ޖެހޭނީ އެކީއެކަށްޗަކަށް ބައްލަވާފައި ކަމަށާ، މީހެއްގެ މައްޗަށް ކޮންމެ ހުކުމެއް ކުރަން ޖެހޭނީ އޭގެ އެތެރެ ފުށާއި ބޭރުފުށުން ހުރި ހުކުމްތައް ހޯދައި ދެނެގަނެ އޭގެ މައްޗަށް ހުރި ކާފީ ހެކިތަކާއި އެނޫން ވެސް ހެކިތައް އެއްކޮށްގެން ކަމަށެވެ. އަދި ހަމަ މީހަކު ބުނެލާއިރަށް މީހަކާ ދިމާލަށް ވަގަށް ގޮވަން ނުޖެހޭނެކަމަށް ނިހާން ވިދާޅުވިއެވެެ.

ޒައިދާ ދިމާލަށް ހިމާރަށް 'ގޮވީ' ކީއްވެގެންތޯ ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ އަލީ ޒައިދާއި ޑރ. އިޔާޒު އަބްދުލްލަތީފާ ދިމާލަށް އެ އިބާރާތުން (ހިމާރަށް) ގޮވަން ޖެހުނީ ވަރަށް ސާބިތުކަމާއެކު ދެކެ ދެނެ ހުންނަވައިގެން ކަމަށެވެ. އަދި އޭނާ ވައްކަމެއް ނުކުރައްވާ ކަމަށާ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ވައްކަމެއް ސާބިތު ކުރެވިފައެއް ނެތް ކަމަށެވެ.

ނިހާން ވިދާޅުވީ އޭނާއާ ދިމާލަށް ކަތުވީ މައްސަލައެއްގައި އިލްމުވެރިއަކު ވަގަަށް ގޮވާ ހިސާބަށް ދިޔައީ އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހަވާލާ ދެއްވާ ނޫހެއްގައި ލިޔެފައި އޮތް ހަބަރެއް ޓްވީޓު ކުރައްވައި އޭނާ ލިޔުއްވި ވާހަކައަކާ ގުޅިގެން ކަމަށް ނިހާން ވިދާޅުވިއެވެ.

"ދިވެހިންގެ ދީނާއި ގައުމިއްޔަތު ފުނޑާ ސުންނާފަތިކޮށް ކުދިކުދި ކުރެވިގެންދާ އިރު، ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސާއި ދެބޭފުޅުން ތިއްބަވާނީ ލޯމަރައިގެންނޭ. މި ޓްވީޓަށް ރައްދު ޖަވާބު ދެއްވަމުން ތި ވިދާޅުވާ ދެ އިލްމުވެރިން ކުރެ އެކަކު ނުވަތަ ދެ މީހުން އަޅުގަނޑަށް މި ގޮވަނީ ވަގަށް. އަޅުގަނޑު ރޮލެކްސް ގަޑިއަކާއި ދެންވެސް ހުރި ސާމާނު ވަގަށް ނެގިކަމަށް އޭނާ ބުނި ސުވާލު. އެހިސާބަށް އެ ދެމީހުން އަޅުގަނޑަށް ވަގަށް ގޮވަން ޖެހުނީމާ އަޅުގަނޑު ހިތަށް އައީ އަލް ޖުމްއަ ސޫރަތުގެ ފަސް ވަނަ އާޔަތުގެ މާނަ. އޭގައި ވަނީ ތައުރާތުގެ އިލްމު ވެރިންގެ ތެރެއިން އެއަށް އަމަލު ނުކުރި މީހުންގެ މިސާލަކީ ފޮތް ބަރުކޮށްގެންދާ ހިމާރެއްގެ މިސާލޭ" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެ ދެ އިލްމުވެރިންގެ ތެރެއިން އެއް ބޭފުޅަކީ ކީރިތި ގުރުއާނުގެ ތަފްސީރުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެއް ކަމަށާ، މީހަކާ ދިމާލަށް ވަގަށް ގޮވަން އިލްމުވެރިއަކު ބައިވެރިވެގެން ނުވާނެ ކަމަށެވެ. އަދި އެ އިލްމުވެރިއާ (ޒައިދު) އަކީ ތައުުރާތުގެ އިލްމު ވެރިއަކަށް ވެގެންދިޔައީ ކަމަށް ނިހާން ވިދާޅުވިއެވެ.

"ތައުރާތަށް އަމަލުނުކުރި އިލްމުވެރިއަކަށް ވެގެން ދިޔައީ. ހަމައެއާއި އެއްފަދަ އެއްޗަކަށް ވެގެންދިޔައީ ފޮތް ބަރުކޮށްގެންދާ ހިމާރެއްގެ މިސާލުވީމަ އަޅުގަނޑު "އޭ މިހިރި ސޭކު ހިމާރާއޭ" ގޮވަންޖެހުނު ސަބަބު މި ދަންނަވާލީ" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭނާ ވައްކަމެއް ނުކުރައްވާ ކަމަށާ، މިހާތަނަށް ވައްކަމެއް ކުރައްވާފައެއް ނޯންނާނެ ކަމަށެވެ. އަދި އޭނާއާ ދިމާލަށް އިލްމުވެރިންގެ ބަޔަކު ވަގަށް ގޮވީމައި އެއަށް ރައްދު ޖަވާބު ދެއްވުމުގެ ގާބިލްކަން އޭނާގެ ހަށިކޮޅުގައި ހުންނަން ޖެހޭނެ ކަމަށާ، އެ ގާބިލްކަމުގެ ތެރެއިން އެދެމީހުންނަށް ކަނޑައެޅިގެން ހިމާރުގެ އުސޫލުންނޭ އަމަލު ކުރަނީ 'ގޮވާފައި' އޮންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ.