ހުރިހާ އެންމެންވެސް މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހި ޅަ ދަރީންނަށް ނަމޫނާ ދެއްކުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހޮޓެލް ޖެންގައި ބޭއްވި ނެޝަނަލް ރޯޑްސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ރާއްޖޭގެ އެކި ހިސާބުގައި، ހާއްސަކޮށް ބޮޑެތި ރަށްތަކުގައި، އެކްސިޑެންޓްތައް ހިނގާލެއް ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ފަސޭހަކަމާއެކު ދުއްވޭ ގޮތަށް މަގުތައް ހަދަމުން ގެންދާއިރު މިއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއްކަމުގައެވެ.

ނައިބު ރައީސް ވިދާޅުވީ ކުރިން ރައްކާތެރި ފިޔަވަޅު އެޅެންއޮތް ކަމެއްގައި އެކަން ނުކޮށް ތިމާގެ ދިރިއުޅުން ދޫކޮށްލުމަކީ ނުވަތަ މުޅި އުމުރަށް އެފަދަ ކަމަކާ ހުރެ ނުކުޅެދުންތެރިކަމަކާ ކުރިމަތިލުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަމަކީ މުޅިންވެސް ކޮންމެވެސް މީހެއްގެ ފަރުވާކުޑަ ކަމުން ނުވަތަ ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ މަގުމަތީގައި ހިނގާ ހާދިސާތައް ހުއްޓުވުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނެސްފައި ނެތުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއްކަން ގަބޫލުކުރަން ޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މާލެ ސަރަހައްދުގައި ގިނަ އެކްސިޑެންތްތަކެއް ހިނގަމުން ދިޔަނަމަ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަކޮށް ބޮޑެތި ރަށްތަކުގައި އެކްސިޑެންޓްތައް ހިނގާ މިންވަރުވެސް މަދެއް ނޫން. ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން ދާއިރު މިފަދަ ކަންކަމާމެދު ފުންކޮށް ވިސްނަން ޖެހޭ. މިފަދަ ހާދިސާތައް ހިނގަމުން ދަނީ ރައްޔިތުންގެ ފަރުވާކުޑަކަމުން ނުވަތަ އެކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން" ނައިބް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަގުމަތީގައި އުޅޭއިރު ނުވަތަ މަގު ބޭނުން ކުރުމުގައި އެހެން މީހުންނާ ދޭތެރޭގައިވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި، އިފްތިތާހުކުރި ނެޝަނަލް ރޯޑްސޭފްޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.