އެމްޑީޕީ ރިޔާސީ އިންތިހާބަށް ކުރިމަތިލި އިރު، ބޭނުންކުރި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ފުއްދުމަށް އެކުލަވާލި އެޖެންޑާ 19 ގައި ހިމެނޭ މައިގަނޑު ފަސް ކަންތައް ތަންފީޒުކުރުމަށް ފަސް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އެމްޑީޕީން ބުނީ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންކަން ބަޔާންކޮށް އެޖެންޑާ 19 ގައިވާ ކަންކަން ތަންފީޒުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެޕާޓީގެ މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށް ފަސް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެެ. އެއީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ދާއިރާ ކަމުގައިވާ، އިންސާފު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސޯދު ގެ މައްޗަށް އެކުލަވާލާފައިވާ ފަސް ކޮމިޓީ ކަމަށެވެ.

އެމްޑީޕީން ބުނީ ކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، އެ ފަސް ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގަންޖެހޭ މަޝްރޫއުތައް ދެނެގަނެ އެ މަޝްރޫއުތައް ހިންގާނޭ އުސޫލުތައް ދެނެގަތުން ކަމަށެވެ. އަދި މި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުން ކަމަށެވެ.

އެމްޑީޕީން މަޖިލީސް ކެމްޕޭންގައި ބޭނުންކޮށްފައި ވަނީ ވެސް އެޖެންޑާ 19 އެވެ. މިއީ 19 ވަނަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކާއި ބޭނުންވާ ކަންކަން ފުއްދުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ. މީގެ ތެރޭގައި ހިމެނެނީ މައިގަނޑު ފަސް ކަމެކެވެ.