ފެނަކަ ހދ. ރީޖަނަލް އޮފީހުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވަނީ، ރީޖަނަލް އޮފީސްތައް އުވާލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް ކަމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ހދ. ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާކަމަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާތީ، އެކަމާއި ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވަހީދު ވިދާޅުވީ އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި ރީޖަނަލް އޮފީސްތައް އުވާލަން ކުންފުނީގެ ބޯޑުން ނިންމުމާއި ގުޅިގެން، އެ ނިންމުމާ އެއްގޮތަށް ހދ. ރީޖަނަލް އޮފީސް އުވާލާ، އެ އޮފީހުގައި ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ވަކި ނުކުރާ ކަމަށެވެ.

"އެގޮތުން މިހާރު ށ. ނ. ބ. ޅ. ރީޖަނަލް އޮފީސްތައް ދޫކޮށްލައިފިން. ދެން މިއަދު ހދ. ރީޖަނަލް އޮފީހުން ނެގެން ހުރި މީހަކު ނަގައިގެން ދެން މި ދޫކޮށްލަނީ. ހދ. ރީޖަނަލް އޮފީހުގައި ވެގެން އުޅޭގޮތަކީ ބޭނުންވާ ވަރަށް ވުރެ މާ ގިނައިން ސްޓާފުން ތިބީމަ އޭގެ ތެރެއިން އަށް މީހުން ކަނޑާލަން ޖެހުނީ. އެއީ ވީ ގޮތަކީ. ލޯންޗް ފަޅުވެރިން ބޭނުންވާތީ އެމީހުން ދޫނުކޮށްލާ ބޭތިއްބީ. އަޅުގަނޑުމެން ބޭނުންޖެހޭ މީހުން ބައިތިއްބަން، އެންމެން ކަނޑައެއް ނުލަން" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ކުންފުނީގެ ބޯޑުން ނިންމީ ކުންފުނީގެ ހުރިހާ ރީޖަނަލް އޮފީސްތަކެއް އުވާލަން ކަމަށެވެ. އަދި 152 ރަށުގައި އެ ކުންފުނީގެ ބުރާންޗްތައް ހުންނާނެ ކަމަށާއި ރީޖަނަލް އޮފީސްތަކަކީ ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށެއްގައި އިތުރަށް ހަދާފައި ހުންނަ އޮފީހެއް ކަމަށެވެ. އަދި މި އޮފީސް މެދުވެރިކޮށް މާލޭގެ ހުންނަ ހެޑް އޮފީހާ މުއާމަލާތް ކުރަން ޖެހުމުން، ކުންފުނީގެ ބޯޑަށް ފެނުނީ އެގޮތަށް މަސައްކަތް ކުރުމުން މަސައްކަތްތައް ލަސްވެ، އިތުރު ލޭޔަރެއް އައިސް ބުރާންޗް ތަކާއި ހެޑްއޮފީހާއި އޮންނަ ގުޅުން ކެނޑެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒަފުން ދޫކޮށްލުމުގެ ކުރިން އެހެން ގޮތެއް ހޯދޭތޯ ކުންފުނިން އަބަދުވެސް ބަލަމުން ދާކަމަށެވެ. އަދި އެހެން ރީޖަނަލް އޮފީސްތަކަށް ބަދަލުކުރެވޭތޯ ކުންފުނިން ބަލަމުންދާ ކަމަށާއި، ނަމަވެސް ހދ. ރީޖަނަލް އޮފީހުން ބަދަލު ކުރެވޭނެ އެއްވެސް ތަނެއް ނެތްކަމަށް ވަހީދު ވިދާޅުވިއެވެ.

"ދެން ރީޖަނަލް އޮފީސްތައް އުވާލީމަ އެ އޮފީސްތަކުގައި ތިބި ސްޓާފުންނަށް އެ އޮންނަ އުސޫލުން ކަނޑައެޅިފައި އޮންނަ ޕެކޭޖެއް ދީފައި ދޫކޮށްލަނީ. އެގޮތުން މިހާރު ށ. ނ. ބ. ޅ. ރީޖަނަލް އޮފީސްތައް ދޫކޮށްލައިފިން. ދެން މިއަދު ހދ. ރީޖަނަލް އޮފީހުން ނެގެން ހުރި މީހަކު ނަގައިގެން ދެން މި ދޫކޮށްލަނީ" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ބައެއް ރީޖަނަލް އޮފީސްތަކުގައި ތިން ހަތަރު ސްޓާފުން ތިބޭ އިރު އެ ސްޓާފުން މެނޭޖް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައި، ކުންފުނިން ދެމުން އަންނަނީ ކަރަންޓް އެކަނި ކަމަށާއި، ފެނާ ނަރުދަމާ ދެނީ އެމްޑަބްލިއުއެސްސީން ކަމަށެވެ. އަދި ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް އޮފީހަށް ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީ ސަރުކާރުން އޮތީ ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައި ކަމަށެވެ.

"އެހެންވީމަ މި މީހުން ލާނެ އިތުރު ތަނެއް ނެތީ. ދެން އެހެން ރީޖަނަލް އޮފީހަކަށް އެމީހުން ބަދަލުކުރެވެން އޮތަސް އެކަން ވެސް އެބަކުރަން. ދެން އެހެން ވާން ނެތިއްޔާ މި ދޫކޮށްލަނީ. ކުޅުދުއްފުށީގައި އެ ފުރުސަތު ވެސް ނެތީ. މުވައްޒަފުން ވަކި ކުރީ ޕެކޭޖެއް ދީފައި. އޭގައި ހިމެނޭނެ ކުންފުނީގެ ގަވާއިދު ބުނާ ގޮތުން އެއް މަސްދުވަހުގެ މުސާރަ. އެކަމަކު އަޅުގަނޑުމެން އެންމެންނަށް އެއް ގޮތެއް ހަދަން ވެގެން ދެ މަސް ދުވަހުގެ މުސާރަ ދީފައި ދޫކޮށްލަނީ. ދޫކޮށްލާ މީހުން ދޫކޮށްލުމުގެ ތެރޭގައި ހުރިހާ ރީޖަނަލް އޮފީސްތަކުން އަދި ދޫކޮށްލެވުނީ 20 ވަރަކަށް މީހުން. އެކަމަކު 100 އެތައް ސްޓާފުން ތިބި އޮފީސްތަކުގެ ވާހަކަ މި ދައްކަނީ" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ 14 އަތޮޅުގައި ރީޖަނަލް އޮފީސް ހުންނަ އިރު، ހުރިހާތަނެއް އެއްކޮށްލީމާ ކުންފުނީގައި ގާތްގަޑަކަށް 2700 ސްޓާފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޭނުންވާ ވަރަށް ވުރެ ގިނައިން މުވައްޒަފުން ނަގާފައި ހުރި އޮފީސްތައް އެބަހުރި ކަމަށާއި، އެކިއެކި ސަބަބާ ހުރެ ބައެއް ފަރާތްތަކުން އިސްތިއުފާ ދިނުމުން އެބައިބައި ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ރީނަލް އޮފީސްތައް އުވާލިފަހުން ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށާއި، އަހަރެއްގެ މައްޗަށް 18 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.