އެމޭޒަން އިން ޗައިނާ ދޫކޮށް އިންޑިއާއަށް

އައިޝާ ރީމާ 19 April 2019, 09:38
Amazon inn China dhookoh India ah
އެމޭޒަން ކުންފުނީގެ ޗައިނާގެ އޮންލައިން ފިހާރަ ބަންދުކުރާނީ ޖުލައި މަހުގެ ތެރޭގައި/ފޮޓޯ: ފޯޗޫން

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ޕްލެޓްފޯމުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމޭޒަން އިން ޗައިނާގައި އޮޕަރޭޓްކުރާ އޮންލައިން ފިހާރަ ބަންދުކުރަން ވިސްނާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމޭޒަން ކުންފުނިން ބުނީ އެކުންފުނީގެ ޗައިނާ ފިހާރަ ބަންދުކުރި ކަމުގައި ވީނަމަވެސް، އެމޭޒަންގެ ގްލޯބަލް ޕްލެޓްފޯމު ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ ފުރުސަތު، ޗައިނާގެ ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ.

އެމޭޒަންގެ ޗައިނާ އޮންލައިން ފިހާރަ ބަންދުކުރި ކަމުގައި ވީނަމަވެސް، އެމޭޒަން ކްލައުޑްގެ ހިދުމަތް ޗައިނާއިން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެމޭޒަންއިން ޗައިނާގެ އޮންލައިން ފިހާރަ ބަންދުކުރަން ނިންމީ، ޗައިނާގެ ޕްލެޓްފޯމުތަކެއް ކަމަށްވާ އަލިބާބާއާއި ޖޭޑީ ޑޮޓްކޮމްގެ ވާދަވެރިކަން އިންތިހާއަށް ވަރުގަދަ ކުރަމުން އަންނާތީ ކަމަށް ބެލެވެއެވެ.

އެމޭޒަންގެ ޗައިނާ ފިހާރަ ބަންދުކުރާނީ ޖުލައި މަހުން ފެށިގެންނެވެ. އެއަށްފަހު ޗައިނާގެ ކަސްޓަމަރުންނަށްވެސް ފެންނާނީ އެމޭޒަންގެ ބައިނަލްއަގުވާމީ ވާޝަން ކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދުން އެމޭޒަން ކުންފުނިން ދުރަށް ޖެހިލާ މިދަނޑިވަޅަކީ، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑިއާގައި އެމޭޒަން ކުންފުނީގެ ހަރަކާތްތެރިކަން އިތުރުކުރަމުންދާ ދަނޑިވަޅެކެވެ.

ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!