މިއީ ރާއްޖޭގެ ތާރީހުގައިވެސް އެމް.އެން.ޑީ.އެފް ގެ ފަރާތުން ކަނޑުއަޑީގައި މިފަދަ ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ކޯހުގެ ދަސްވެނިވި ފަރާތްތަކަށް ބެޖްތައް ހަވާލްކޮށް ދެއްވާފައި ވަނީ ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. މި ހަފްލާއަށް ފަހު އެމް.އެން.ޑީ.އެފުން ވަނީ ހަފްލާގެ ވީޑިއޯ ޓްވިޓާގައި އާންމުކޮށްފައެވެ.

މި ވީޑިއޯއިން ފެންނަގޮތުގާ ޑައިވިން ފުޅިއަޅައިގެން އެ ރަސްމިއްޔާތުގައި ހުރިހާ ސިފައިން ބައިވެރިވެފައި ވަނީ ކޮމްބެޓް ޔުނީފޯމުގައެވެ. އަދި ސިފައިންގެ އިސް އޮފިސަރުންނާއެކު ހަފްލާ އޮންނަ ތަނަށް ޝަމާލް ވަޑައިގަންނަވާ މަންޒަރާއި ހުރިހާ ސިފައިން ސެލިއުޓް ކުރާ މަންޒަރު އަދި ކޯސް ފުރިހަމަ ކުރި ސިފައިންނަށް ޗީފް ޝަމާލް ބެޖެތައް ދެއްވާ މަންޒަރުވެސް މި ވީޑިއޯއިން ފެނިގެންދެއެވެ.

ރާއްޖޭގެ ސިފައިންގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި ނޭޕާލުގެ ސިފައިން ބައިވެރިވި މި ކޯހުގެ ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމް ދިނުން އޮތީ ކ.ގިރިފުށީގައެވެ. އިނާމް ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ކަނޑު އަޑީގައި ހިންގާ މިފަދަ ހަރަކާތްތަކަކީ ފާހަގަ ކޮށްލެވޭ ހަރަކާތްތަކަކަށް ވާއިރު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މޫދު އަޑީގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.