ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖަކަށް ޑިޓޯލްގެ އަސަރު ހުރި ފެން ބޯންދިންކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. އަދި ފުލުހުން ބުނީ ދޫނިދޫގައި ބަންދުގައި ތިބޭ މީހުން ބޯން ހުންނަނީ ޑީސެލިނޭޓް ފެން ކަމަށާ، ބަންދުގައި ތިބޭ މީހުންނަށް ފެން ދެނީ ފެން ހުސްކޮށްފައި ހުންނަ ފުޅީގައި ކަމަށެވެ. މިއަދު ހެނދުނު އޭނާ ފެން ބޭނުން ވުމުން ފެން ދީފައި ވާނީ އިސްކުރުން އަޅާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ މިއަދު ހަވީރު ޑޮކްޓަރަށްވެސް ދެއްކި ކަމަށާ އޭނާގެ ހަށިގަނޑަށް ޑިޓޯލުގެ އަސަރު ކޮށްފައި ނުވާކަމަށް ޑޮކްޓަރު ބުނެފައި ވާކަމުގައިވެސް ފުލުހުން ބުނެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރީގައި ހިނގި ފޭރުމުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައި ހުރި މި ކުއްޖާ އާ ގުޅޭ މައްސަލައެއް ޖުވެނައިލް ކޯޓުން ބަލަމުން ދާއިރު މިއަދު މީޑިއާތަކުގައި ދައުރުވަމުންދާ ބައެއް ލިޔެކިޔުންތަކުގައި ވާގޮތުން އެ ކުއްޖާއަށް ބޯން ދިން ފެނެއްގައި ޑިޓޯލްގެ އަސަރު އެކުލެވޭކަމަށް ބުނެފައި ވާތީ އެކަން ހިނގާ ދިޔަ ގޮތެއް ބެލުމަށް ފަހު ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމަށް ކޯޓުން ފުލުހުންނަށް އަންގާފައިވެއެވެ. އަދި ޑިޓޯލްގެ އަސަރު ހިމެނޭ ފެން ބުއިމަށް ދީފައިވާ ކަމަށް ބުނާތީ ޑޮކްޓަރާ ކޮންސަލްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ފުލުހުންނަށް ކޯޓުން ވަނީ އަންގާފައެވެ.

ޖުވެނަލް ކޯޓުން އިތުރަށް ބުނެފައި ވަނީ އެކުއްޖާ ހައްޔަރު ކޮށްފައިވަނީ އެންމެ އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށް ފާހަގަ ކުރެވޭ ކަމަށާ އޭނާގެ އާއިލާ އާ ބައްދަލު ވުމުގެ ފުރުސަތު އަދި ގުޅުމުގެ ފުރުސަތު ވެސް ހަނިކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ކުއްޖާއާއި އާއިލާއާ ގުޅުން ކެނޑިދާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ފުލުހުންނަށް އަންގާފައިވާކަން އެ ލިޔުންތަކުން އެނގެއެވެ.

މި ކަންކަން ހައްލު ކުރުމަށްފަހު އެ ކުއްޖާގެ މުއްދަތު އިތުރު ކުރަން ގެންދާނެ ދުވަހެއް ފުލުހުން ބުނެފައެއް ނުވެއެވެ.