އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަލި މީހަކާ ރުންކުރުކޮށް އެތާނގެ ޑޮކްޓަރަކު މުއާމަލާތް ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ. ހިތުގެ ބައިޕާސް ސާޖަރީއެއް ހެދި މިހެއްގެ ސާޖަރީ ހެދި ތަނުގައި އުފެދުނު ލަކުނު ޑޮކްޓަރަކަށް ދައްކަން އެތަނަށް ދިއުމުން ރުންކުރުކޮށް މުއާމަލާތްކުރި ކަމަށް އެ ބަލިމީހާގެ ފިރިމީހާ މިއަދު ވަނީ ސޯޝަލް މީޑިއާގައި އެ ވާހަކަ ހާމަކޮށްފައެވެ.

ބަލިމީހާގެ ފިރިމީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގެ ސްކްރީންޝޯޓެއް

އޭނާ ބުނީ އޭނާ އޭޑީކޭއަށް ދިޔައީ ހިތުގެ ބައިޕާސް ސާޖަރިއާ ގުޅިގެން އުފެދުނު ލަކުނު ޑރ. ޝާފިއު އަށް ދެއްކުމަށް ޑރ. އަޒީޒް އިރުޝާދު ދެއްވުމުން ކަމަށެވެ. އަދި އޭޑީކޭގެ ޑޮކްޓަރު ވަނީ "ކާކު ބުނެގެންތޯ އޭޑީކޭއަށް ދިޔައީ" ބުނެ ސުވާލްކޮށްފައި ކަމަށެވެ. އަދި ޑރ އަޒީޒް ބުނެގެން ކަމަށް ބުނެ ޖަވާބް ދިނުމުން އޭޑީކޭގެ ޑޮކްޓަރު ވަނީ އޭނާއަކީ މީހުން ބޭރަށް ފޮނުވާ މީހެއް ނޫން ކަމަށް ބުނެފައި ކަމަށާ އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިޔަ ލަކުނު ޑޮކްޓަރު ބަލާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަލި މީހުން ބޭރަށް ފޮނުވާ ވާހަކަ ޑޮކްޓަރު ދައްކަން ޖެހުނީ ކޮން ކަމަކާ ގުޅިގެންކަން ސާފު ނުވާއިރު ބަލިމީހާގެ އެހީތެރިޔާ ބުނެފައިވަނީ އޭނާ އޭޑީކޭގެ ޑޮކްޓަރަށް ދައްކައިފައި ވާނީ ބޭރަށް ދިޔުމަށް ލިޔުމެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އޭނާ ބޭނުންވީ އޭޑީކޭގައި ބަލިމީހާއަށް ފަރުވާ ހޯދުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

'ދަ ޕްރެސް' ގެ ފަރާތުން މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް އޭޑީކޭ އަށް ގުޅުމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އައްފާލް ވިދާޅުވީ މިހާރު ޕޭޝަންޓާ ގުޅުއްވައިގެން އެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށާ އިތުރު މައުލޫމާތެއް ދެއްވެން ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައިވެސް ވަނީ އޭޑީކޭގެ ބިދޭސީ ޑޮކްޓަރެއްގެ މިފަދަ މައްސަލައެއް ފެންމަތިވެފައެވެ.