ތަރިކަ ރައްކާތެރި ކުރަންޖެހެނީ ތަރިކަތަކުން ދިވެހިންނަކީ ކޮން ބައެއް ކަމާ ކިހިނެތް އުޅުނު ބައެއްކަން ހާމަ ކޮށްދޭތީ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ހިފެހެއްޓުމަށްޓަކައި ސަގާފީ ތަރިކަ ރައްކާތެރިކުރުން މުހިންމު ކަމަށެވެ.

ޔުމްނާގެ ހިތާބުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ވޭތިވެދިޔަ ޒަމާން ތަކުގައި ދިވެހިން ކޮށް އުޅުނު މަސައްކަތްތަކާއި ދިރިއުޅުނު ގޮތްތަކާއި ކުޅެއުޅުނު ކުޅިވަރުތައް އޮޅުން ފިލާނެހެން މިޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފާ ވުން އެއީ ކާބަފައިން ތަރިކައަށް ރައްކާތެރި ވެފައިވާ ކަމުގެ ހެއްކެތް ކަމަށެވެ. އެހެން ކަމުން އެފަދައިން ތަރިކައަށް އަމާނަތްތެރިވާން ޖެހޭކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި ތަރިކަ ރައްކާތެރި ކުރެވޭނީ އާންމުންގެ ހޭލުންތެރިކަން އިތުރު ކުރެވިގެން ކަމަށާއި ކުޑަކުދިންނާއި ޒުވާނުން މިކަމަށް ޝައުގުވެރިވެގެން ކަމަށެވެ. އެގޮތުން ކިޔަވާ ކުދިންނަށް ސަގާފީ ތަރިކަތައް އެނގެން ޖެހޭ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

"ތަރިކަ ރައްކާތެރި ކުރެވޭނީ އާންމުންގެ ހޭލުންތެރިކަން އިތުރުވެގެން. ކުޑަކުދިންނާ ޒުވާނުން މިކަމަށް ޝައުގުވެރިވެގެން. މިގޮތުން ކުދިންގެ ތައުލީމީ ބިންގާ އެޅިގެން ދާއިރު އެކުދިންނަށް އެކުދިންގެ ސަގާފީ ތަރިކަތައް އެނގެން ޖެހޭ. މިކަމަށް އަހުލުވެރި ވާންޖެހޭ. ކުދިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންގެ ގައުމިއްޔަތާއި ސަގާފީ ތަރިކަ އޭގެ ބައެއް ކަމުގައި ހައްދައިގެން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން" ޔުމްނާގެ ހިތާބުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 18 ވަނަ ދުވަހަކީ، ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.