ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ތަރައްގީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް، ކުރީގެ ހެލްތް މިނިސްޓަރުންގެ ތަޖުރިބާގެ އަލީގައި ލަފަޔާއި އިރުޝާދު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ހެލްތް މިނިސްޓަރުންގެ ހިދުމަތުގެ ދުވަސްވަރު، ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމުގައި، ރާއްޖެ ކުރިއެރުން ތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.

އަދި ކުރީގެ ހެލްތު މިނިސްޓަރުންނަކީ، މިހާރާ އަޅާބަލާއިރު، ވަރަށް ތަފާތު ޒަމާންތަކެއްގައި ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށާއި، އޭރު ރާއްޖެ އޮތް ގޮތްވެސް ވަރަށް ތަފާތު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ދުޅަހެޔޮކަމުގެ ހާލަތާއި، ސިއްހީ ހޭލުންތެރިކަންވެސް ވަރަށް ތަފާތު ކަމަށާއި، ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުވެސް، މިހާރާ އަޅާބަލާއިރު ވަރަށް ތަފާތު ކަމަށެވެ.

"އެހެން ނަމަވެސް، އެ ދުވަސްވަރެއްގައި ރާއްޖޭގެ ފޯރުންތެރިކަން ހުރި މިންވަރަކުން، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް، ރައްޔިތުންނަށް ފޯރުކޮށް ދެއްވުމުގައި، ތިޔަބޭފުޅުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި. މި ރާއްޖެ ދުށް ބޮޑެތި ރޯގާތަކާއި ބަލިމަޑުކަން ކުރިމަތި ވެފައި ވަނީވެސް، ރާއްޖޭގެ ސިއްހީ ނިޒާމު ފިރުކެމުން އައި ދުވަސްވަރެއްގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު ލިބެންހުރި މަދު ވަސީލަތްތަކާއި، މަދު ސިއްހީ ހިދުމަތްތެރީންނާއެކު، ކުރީގެ މިނިސްޓަރުން ގައުމަށް ކޮށްދެއްވީ، އަގު ނުކުރެވޭހާ މުހިންމު ހިދުމަތްތަކެއް ކަމަށެވެ. އަދި މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު، އާންމު ސިއްހީ ހިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު، މިނިސްޓަރުން އެޅުއްވި ފިޔަވަޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން، މިތާ މި އިންނެވި ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރު މުއުމިނާ ހަލީމް އަދި މުހައްމަދު މުސްތަފާ ހުސައިން ފަދަ ބޭފުޅުންގެ ހިތްޕުޅުން، އަދިވެސް އެ ހަނދާންތައް ފިލައިގެނެއް ނުދާނެ. އެ ޒަމާނާއި އެ ހާލަތުގައި، އެ ބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންތަކާއި، އެކަންތައް ހައްލުކުރެއްވި ގޮތަކީ، މިއަދު އަޅުގަނޑުމެންނަށް މުހިންމު ތަޖުރިބާއަކަށް ވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ގައުމަކީވެސް ދިވެހިރާއްޖެ ކަމަށާއި، ޕޯލިއޯ އާއި މީސަލްސްވެސް ވަނީ ރާއްޖެއިން ނައްތާލެވިފައި ކަމަށެވެ. އަދި މި ނުރައްކާތެރި ބަލިތައް، މި ރާއްޖެއިން ނައްތާލުމުގައި މިނިސްޓަރުންގެ ހިއްސާ ވަރަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮލެރާގެ ވަބާ ފެތުރިގެން ދިޔައީ ވެސް، އެކަށީގެންވާ ވަރާ ގާތަށްވެސް، އަޅުގަނޑުމެންގެ ތެރޭގައި، ވަސީލަތްތަކާއި، ބޭހާއި ޑޮކްޓަރުން ނެތް ދުވަސްވަރެއްގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއިރު ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ބަރޯސާވެފައި އޮތީ، ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި، ފޫޅުމައިންނާއި، މަދު އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީގެ މިނިސްޓަރުން އެ ދުވަހު ކުރެއްވި ތަޖުރިބާތަކާއި، މި ޒަމާނުގެ ސިއްހީ ހިދުމަތުގެ ލުއިފަސޭހަތަކުގެ ވާހަކަތައް، އެއް މޭޒުދޮށުގައި ހިއްސާކޮށްލެވޭ ކަމީ، ވަރަށް ހެޔޮ ފާލެއް ކަމުގައި އެމަނިކުދާނު ދެކިވަޑައިގަންނަވާ ކަމަށެވެ.