ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މަރު ކޮމިޝަނަށް ހާޒިރު ކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން ކަނޑު ފައްތާފައިވާކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ ބުނެފިއެވެ.
"ދަ ޕްރެސް" އާ ވާހަކަދައްކަމުން ޝުމްބާ ބުނީ މިއަދު 11 ޖެހި އިރު މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކުރި ޓްވީޓަކާއި ގުޅިގެން ކަމަށެވެ. މި ޓްވީޓުގައި ބުނެފައި ވަނީ ރިޟްވާން ފައްތާފައިވާ ކަމަށެވެ. އަދި ސުވާލު ކޮށްފައި ވަނީ އެ ޓްވީޓުގެ ސްކްރީން ޝޮޓަކާ ބެހޭގޮތުން ކަމަށެވެ. އޭނާ ބުނީ ކޮމިޝަންގެ ފަރާތުން ތަހުގީގުގައި އަމަލު ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.
ކޮމިޝަނަށް ޝުމްބާ ހާޒިރުކުރުމަށްފަހު އެ ކޮމިޝަނުން ކުރި ޓްވީޓްގައި ބުނެފައި ވަނީ ބަޔަކު ރާވައިގެން އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލުމާ ގުޅޭގޮތުން އަހުމަދު އަޝްރަފް 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކޮށްފައިވާ ޓްވީޓްތަކަކާ ގުޅިގެން އޭނާ ކޮމިޝަނަށް ހާޒިރުކޮށް ކޮމިޝަނުން އެކަމާ ބެހޭގޮތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ޝުމްބާގެ އިތުރުން މަރު ކޮމިޝަނަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު (ޒާހިދު ކްރިއޭޓާ) ވެސް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. ޒާހިދު އެ ކޮމިޝަނަށް ހާޒިރުކުރީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީ ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެންނެވެ.
މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހިދު ވެސް ވަނީ މަރު ކޮމިޝަނަށް ހާޒިރުވެވަޑައިގެން އެ ކޮމިޝަނަށް ބަޔާނެއް ދެއްވާފައެވެ.