މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށްވާ، ޑެންގީ އަދި ޗިކުންގުންޔާ އާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހުން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލއުއެޗްއޯ) އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދިޔަ މި ސެޝަންގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިއަދުގެ ސެޝަން ގައި ޝިފާ ވަނީ، ވިއްސާރައަށް ފަހު މަދިރީގެ ޒަރީއާ އިން ޖެހޭ ބަލިތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ފަދަ ކެމްޕޭނެއް ބޭއްވުމުގެ މުހިންމު ކަމަށް އަލި އަޅުވާލާފައެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކާ ބެހޭ ގޮތުން ހޭލުން ތެރި ކުރުވުމަށް އެޗްޕީއޭއިން ފަށާފައިވާ ކެމްޕޭނުގެ ދަށުން ކޮންމެ ހަފްތާއަކު އެއްފަހަރު، ޑެންގީ އާ ޗިކުންގުންޔާ ފެތުރޭ މިންވަރު އަންގައިދޭ ތަފާސް ހިސާބުތައް އެ އޭޖެންސީއިން އާންމު ކުރަމުން ދެއެވެ.

މި ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް މިމަހު 219 މީހަކަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. އަދި ޑެންގީ ޖެހިގެން 154 މީހަކު ރިޕޯޓު ކޮށްފައިވެއެވެ.