އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އަމީނީގެ ޑފަރަހްނާޒް ފައިސަލާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށާއި، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ނޫހިރި ތިލްމީޒާ ހުސައިން، ރައީސް އިބްރާހިމް މުހައްމަދު ސޯލި މިއަދު އައްޔަން ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސް ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފަރަހްނާޒް ފައިސަލަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފަރަހްނާޒް ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލް އިންނެވެ.

ތިލްމީޒާ މިހާތަނަށް ހުންނެވީ، ނިއުޖާސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސާ އޮފް ސަސްޓެއިނެބިލިޓީގެ މަގާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވަރކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަގާމުގައެވެ. އޭނާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. ތިލްމީޒާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.