ކުރިއަށް އޮތް ހަފްތާ ތެރޭގައި އައިޖީއެމްޗްގެ ހުރިހާ ޖެނެރަލް ވޯޑުތަކެއްގައި އެއާ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ޖެނެރަލް ވޯޑުތަކުގައި އޭސީ ހަރުކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާ ކޮންޑިޝަނިން ސިސްޓަމަށް ކުރިމަތި ވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ކޫލިން ޓަވަރު ބޭރުން އޯޑަރު ކޮށްފައިވާ ކަމަށާއި މި މިހިނގާ އޭޕްރިލް މަހުގެ ފަހު ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ. އަދި އެ މަސައްކަތް ވެސް މޭ މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން އެތަނުގެ އޭސީތައް ރަނގަޅުކުރާނެ ކަމުގެ ވާހަކަތައް ދައްކާއިރު، އެތަނުގެ އެމަޖެންސީގައި "މަސް ހިއްކަން މަސްއަތުރާފައި" ހުންނަ ފަދައިން މީހުން އެޑްމިޓްކޮށް ފަރުވާދީ އެތަނުގެ އޭސީ ހަލާކުވެ ހޫނު ގަދަކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ އޯޕީޑީ އަދި ބައެއް ވެއިޓިން އޭރިއާތަކުގައި ވެސް ހޫނު ގަދަވުމުގެ ސަބަބުން އެ ޝަކުވާތައް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ.