އަތޮޅުތަކުގެ ހޮސްޕިޓަލްތައް އެކަށީގެންވާ ވަރަށް ތަރައްގީ ނުކޮށް، ކުރީ ސަރުކާރުތަކުން މާލޭގެ ހޮސްޕިޓަލް އެކަނި ތަރައްގީ ކުރުމުގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަން ވިޔަސް، ޓެސްޓެއް ހަދަން ޖެހުނަސް، މާލެ އަންނަން މަޖުބޫރުވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓް އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މިއަދުވެސް ރައްޔިތުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ، އެކަށީގެންވާ ސިއްހީ ހިދުމަތްތައް ރަށްރަށުން ލިބެން ނެތުން ކަމަށެވެ. އަދި ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހަކު ތިބެންޖެހޭ ކަމަށާއި، ތަމްރީނާއި ތަޖުރިބާ ހުރި މީހުން، ސިއްހީ އެއްވެސް ދާއިރާއެއްގައި އެކަށީގެންވާ މިންވަރަށް ނެތް ކަމުގެ ޝަކުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެތެރެކުރެވޭ ބޭހުގެ ކޮލިޓީ ރަނގަޅަށް ނުބެލި، ފެންވަރު ދަށް ބޭސް އެތެރެކުރެވުމަކީ ވެސް ރައްޔިތުންގެ ބޮޑު އެއް ޝަކުވާ ކަމަށެވެ.

"މިއިން ކޮންމެ ޝަކުވާއަކާ ގުޅިފައިވާ އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި. އެ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އުޅުން. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް (އައިޖީއެމްއެޗް) ތަރައްގީ ކުރުން" ރައީސް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ އައިޖީއެމްއެޗް އެކަނި ތަރައްގީ ކުރުމުގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަންވިޔަސް، ޓެސްޓެއް ހަދަން ޖެހުނަސް، މާލެ އަންނަން މަޖުބޫރުވުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދެން ދިމާވަނީ މާ ގޯސް މައްސަލައެއް ކަމަށާއި، އެއީ އައިޖީއެމްއެޗުން ލިބެންހުރި ހިދުމަތްތައް، އެކަށީގެންވާ ވަރަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް ފޯރުކޮށްދޭން ޖެހުމުން ދިމާވާ މައްސަލަތައް ކަމަށެވެ.

"އެކަމަކު، ޒަމާނުއްސުރެ ކަންތައް ރޭވިފައި މިއޮތީ، ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް. ޖީބަށް ނުތަކާވަރުގެ ހަރަދުތައް އުފުލަންޖެހޭގޮތަށް. މިއީ، އަޅުގަނޑުމެން މަޝްވަރާކޮށް ހައްލު ހޯދަންޖެހޭ އެއް މައްސަލަ. ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި މިކަންކަމަށްވެސް ހައްލުތަކެއް ހޯދިދާނެ ކަމަށް އަޅުގަނޑު ދެކެން" ކުރީގެ ހެލްތް މިނިސްޓަރުންގެ ހިޔާލަށް އެދިވަޑައިގެން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ، އަސާސީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިތައް ކަމަށާއި، ސިއްހީ މަރުކަޒަކަށް ބޭނުންވާ ޕެނެޑޯލް ގުޅައެއް، ނޫނީ އައިވީ ފުޅިއެއްވެސް ލިބެނީ، އެތައް ތަނަކަށް ލިޔެގެން، އެތައް މަރުހަލާއެއް ހުރަސްކޮށްގެން ކަމަށެވެ. އަދި އެކަން ވެސް ކުރެވެނީ އެތައް ދުވަހެއް ފަހުން ކަމަށާއި، މިއިން ކޮންމެ މަރުހަލާއެއްގެ ތެރޭގައި ކޮރަޕްޝަން އުޅޭ ކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ދޭއިރު، އާސަންދައިގެ ތެރެއަށްވެސް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާއަށް. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން، ވަރަށްގިނަ ފައިސާތަކެއް އިސްރާފުވެގެން އެބަދޭ. މިއީވެސް ސިއްހީ ހިދުމަތުގެ ނިޒާމު ތަރައްގީ ކުރުމަށް މަޝްވަރާ ކުރައްވާއިރު، ހައްލު ހޯދަންޖެހޭ ކަންތައްތައް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކަން ހުއްޓުވުމުގައި އާންމު ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމެއް ބޭނުންފުޅުވާ ކަމަށެވެ. ލަންކާ، އިންޑިޔާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ހިލޭ ބޭސްފަރުވާ ކުރުމަށްޓަކައި "މެރަނާ" ގެ ނަމުގައި، އާސަންދަ ސްކީމެއް ތައާރުފުކޮށްފައިވާ ކަމަށާއި، މިފަދަ ސްކީމްތަކުގެ ބޭނުންހިފުމުގައި ވެސް ޒިންމާދާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.