127 ވަނަ ސިފައިންގެ ދުވަސް ފާހަނގަކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސިޓީގައި މާދަމާ ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި، ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާދަމާ ހަވީރު 4:00 ޖަހާއިރު މާލެ ސިޓީގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި 8 ގެމަ ބައިވެރިވާނެ ކަމަށެވެ. އަދި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގެ ފޯމޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯޓް ސާވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"މި ގެމަތަށް ބައިވެރިވަމުން ދާނީ އެ ބަޔަކަށް ހާއްސަ ކުރެވިފައިވާ ޔުނިފޯމުގައި. މި ޝަރަފުގެ ހިނގާލުމުގައި އަންހެން ސިފައިންނަށް ހާއްސަ ގެމައެއް ވެސް ހިމެނޭނެ" އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ޝަރަފުގެ ހިނގާލުމުގެ ތެރެއިން / ފައިލް ފޮޓޯ

މީގެ އިތުރުން ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔާ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް މި ޝަރަފުގެ ހިނގާލުމުގައި ދައްކާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޝަރަފުގެ ހިނގުން ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވާ ތަންތަނާއި ހަރަކާތްތައް؛

  • މުލިއާގެ، މި ހުއްޓުމުގައި ބޭންޑުގައި ބޮޑުބެރާއި އެކު ފުނަޖެހުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި.
  • ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި،
  • މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި،
  • މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި
  • އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި

އެމްއެންޑީއެފުން ބުނީ ކޮންމެ ހުއްޓުމެއްގައި ވެސް ސިފައިންގެ ބޭންޑުން ރީތި އެކި ރާގުތައް ކުޅޭނެ ކަމަށެވެ.

އެމްއެންޑީއެފް ޝަރަފުގެ ހިނގާލުމުގެ ތެރެއިން / ފައިލް ފޮޓޯ

ޝަރަފުގެ ހިނގާލުން ކުރިއަށް ދާނީ ބަންޑާރަ ކޮށިން ނިކުމެ އަމީރު އަހުމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅާ އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށެވެ.