އެމްޑީޕީއަކީ ތަފާތު ހިޔާލުތަކަށް ފުރުސަތުދޭ ޕާޓީއެއް ކަމަށާއި، ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ދުނިޔެ ނިމޭ ދުވަސް ކަމަށް ލަފާ ނުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިގޮތަށް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ގެންނާނެ މީހަކާ ގުޅޭގޮތުން އެމްޑީޕީ ތެރޭގައި ނަގާ ވޯޓާ މެދު ހިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ. މަޖިލީހުގެ ނައިބު ރައީސްކަމަށް ގެނައުމަށް އެމްޑީޕީގެ ގިނަ މެންބަރުން ތާއިދު ކުރައްވާ އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި ވަކި ކަމަކަށް އެންމެން އެއްބަސްވާ ގޮތެއް ހޯދުމުގެ ކުރިން، ޕާޓީގެ ތެރެއިން ކަންކަމަށް އެތައް ފަހަރެއްގެ މަތިން ހިޔާލު ތަފާތުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ދުނިޔެ ނިމޭނެ ދުވަހެއް ލަފާކުރަން ހުއްޓާލާ. އަޅުގަނޑުމެން މިހާތަނަށް އުޅެމުން އައީވެސް އެހެން. އަޅުގަނޑުމެންނަނީ ތަސައްރަފު ފުދިފަ ތިބި ބައެއް" އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވަނީ ސިއްރު ވޯޓެއް ނެގުމާއި މެދުގައެވެ. އެގޮތުން ސިއްރު ވޯޓު ނަގަން ރޮޒައިނާ ތާއިދު ކުރައްވާ އިރު، އެކަމާ އީވާ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ދެކޮޅެވެ. އަދި ޕާޓީގެ ލީޑާޝިޕުން ވަކި ބަޔަކު މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ގެންނަން އެންޑޯޒް ކުރުމަކީ ވެސް ޕާޓީގެ ތެރޭގައި މައްސަލަ އުފެދިފައިވާ ކަމެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އައުމަށް މިހާތަނަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، ވިލިފުށީ ދާއިރާގެ އިންތިހާބީ ކެންޑިޑޭޓް ހަސަން އަފީފެވެ.

އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް އައުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ދެ މެންބަރެކެވެ. އޭގެ ތެރޭގައި ހިމެނޭނީ އީވާ އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އަންނަ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާނީ އެމްޑީޕީގެ މެންބަރުންނެވެ. 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު 65 މެންބަރުން ތިބޭނެއެވެ.