ފަނޑިޔާރުންނާ މެދު ކުރާ ތުހުމަތު ޖުޑީޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) އިން ބަލަން ޖެހޭ ކަމަށް ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ، ހުވަފެންފުށި ރިސޯޓުގައި ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވި މައްސަލައިގައި އިހުމާލުވި ކަމުގެ ތުހުމަތު ކުރެވުނު ފްރާންސްގެ އުމުރުން 24 އަހަރުގެ މެނަން ނަމަކަށް ކިޔާ އަންހެންމީހާ ރާއްޖެއިން ފިލައިގެން ގޮސް، ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ.
ފްރާންސްގެ ލަޕެރިސިއަން ނޫހަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައި ވަނީ، ލޯޔަރުންނާ އެކު ބޭއްވި ބައްދަލު ވުމެއްގައި އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އޭނާގެ ފޯން ނަންބަރު ހޯއްދެވި ކަމަށެވެ. އަދި އެނާ ހިކުރީ އެއީ މައްސަލައިގެ އަޑުއެހުމަކާ ގުޅުން ހުރި މައުލޫމާތެއް ދޭން ވެގެން ކަމަށެވެ. އެކަމަކު ފަހުން އެ ފަނޑިޔާރުގެ 'ނިޔަތް އެނގުނު' ކަމަށް މެނަން އެ އިންޓަވިއުގައި ބުނެފައި ވެއެވެ.
މެނަންގެ އިންޓަވިއުގައި އޭނާ ބުނީ، އެ ފަނޑިޔާރު އޭނާއަށް ރެސްޓޯރަންޓަށް ދާން ދައުވަތު ދެއްވި ކަމަށާއި، އޭނާ ދިރިއުޅޭ ހޮޓެލުން ފަނޑިޔާރު އޭނާއާ ބައްދަލު ކުރަން ބޭނުންވެލެއްވި ކަމަށެވެ. އޭނާ ބުނީ އެ ފަނޑިޔާރަކީ އޭނާ އަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅަން ހުރި މީހާ ކަމަށެވެ. މެނަން އަށް އެ ފަނޑިޔާރު ފޮނުވި މެސެޖް ތަކެއް ކަމަށް ބުނާ މެސެޖް ތަކެއްގެ ސްކްރީން ޝޮޓް ތަކެއްވެސް އެ ނޫހުގައި ހިއްސާ ކޮށްފައިވެއެވެ.