އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މަރުތަކު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ހާޒިރުވެއްޖެއެވެ.

ޝުމްބާ ރިޔާސީ ކޮމިޝަނަށް ހާޒިރުވެފައިވަނީ މިއަދު 11 ޖެހި އިރުއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޝުމްބާ ބުނީ އޭނާ ކޮމިޝަނަށް ހާޒިރުވެފައިވާ ކަމަށާއި، ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަނީ އަފްރާޝީމާއި ރިޟްވާނުގެ މަރުގެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށެވެ.

ޝުމްބާގެ އިތުރުން މަރު ކޮމިޝަނަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު (ޒާހިދު ކްރިއޭޓާ) ވެސް ހާޒިރު ކޮށް ބަޔާން ނަގާފައިވެއެވެ.ޒާހިދު އެ ކޮމިޝަނަށް ހާޒިރުކުރީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީ ކޮށްފައިވާ ޓްވީޓްތަކާއި ގުޅިގެންނެވެ.

މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހިދު ވެސް ވަނީ މަރު ކޮމިޝަނަށް ހާޒިރުވެވަޑައިގެން އެ ކޮމިޝަނަށް ބަޔާނެއް ދެއްވާފައެވެ.