ރާއްޖޭގެ ރައްތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މޫސުން ގޯސްވެ، 11 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 7:00 ން ފެށިގެން 13:00 އާ ހަމައަށް ބ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަ ވާނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް ލަފާ ކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ބައެއް ސަރަހައްދު ތަކަށް ބާރަށް ގުގުރާނެ ކަމަށް ލަފާކުރޭތީ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

ވޭތިވެ ދިޔަ 24 ގަޑި އިރުގެ މޫސުމަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެެެއެވެ. އެގޮތުން ގދ. ކާޑެއްދޫއަށް 25 މިލި ލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފައި ވެއެވެ. އިސްތިސްގާ ނަމާދަށް ފަހު ރާއްޖޭގެ ގިނަ ސަރަހައްދު ތަކަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.