މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން 105 މައްސަލަ ބަލާ ނިންމާފައި ވާކަމަށް އެ ކަމިޝަން ގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

އެޗްއާރްސީއެމްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި އެޗްއާރްސީއެމަށް 140 މައްސަލައެއް ހުށައަޅާފައި ވެއެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހުށައަޅާފައި ވަނީ ބަންދު ކޮށްފައިވާ މީހުންގެ ސިއްހަތާ ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 44 މައްސަލަ އެއް އެ ކަމިޝަނަށް ހުށައަޅާފައި ވެއެވެ.

ދެވަނަ އަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ގައިދީންގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 16 މައްސަލައެއް ހުށައަޅާފައި ވާއިރު، ލާއިންސާނީ އަނިޔާގެ 11 މައްސަލައެއް ހުށައަޅާފައި ވެއެވެ. އަދި ޝަރީއަތާ ގުޅޭ 9 މައްސަލަ އަކާއި، އުމުރުން ދުވަސްވީ މީހުންގެ 8 މައްސަލައެއް ހުށައަޅާފައިވެއެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުން 7 މައްސަލަ އެއް ހިމެނެއެވެ. އިގްތިސާދީ ދާއިރާއިންނާއި، ކުޑަކުދިންގެ މައްސަލަ ތަކުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ބާވަތުގެ މައްސަލަތަކަށް ބަލާއިރު މިއިން ކޮންމެ ބާވަތަކުން 6 މައްސަލައެއް ހުށައަޅާފައިވެއެވެ.

ސިއްހީ ދާއިރާގެ 5 މައްސަލަ އަކާއި އާއިލާ އާ ގުޅުން ހުރި 5 މައްސަލަ އެއް އެ މުއްދަތުގެ ތެރޭ އެޗްއާރްސީއެމަށް ހުށައަލާފައިވެއެވެ. އަދި އުނގެނުމާ ގުޅުން ހުރި މައްސަލައެއްވެސް އެ ކަމިޝަނަށް ހުށައަޅާފައިވެއެވެ.

އެޗްއާރްސީއެމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކަމިޝަނުން އިސްނަގައިގެން 30 މައްސަލައެއް ބަލާފައިވެއެވެ.

މައްސަލަތައް ބެލުމަށް އެ ކަމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ޖުމްލަ 40 ފަރާތެއްގެ ބަޔާން ނަގާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި 71 ޒިޔާރަތެއް ކޮށްފައިވާކަމަށް ވެސް އެޗްއާރްސީއެމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.