2017 ވަނަ އަހަރު ހުވަފެންފުށި ރިސޯޓުގައި ކުޑަކުއްޖަކު ޕޫލަކަށް ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ދައުވާ ރައްދުވާ ފްރާންސް ގެ އުމުރުން 24 އަހަރުގެ މެނަންއަށް ރާއްޖޭގެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ބައްދަލު ކުރަން އުޅުއްވި ކަމުގެ ތުހުމަތު އޭނާ ކޮށްފިއެވެ.

އޭނާއަށް ރާއްޖޭގައި ކުރެވުނު "ހިތި" ތަޖުރިބާތަކުގެ ވާހަކަ ހިއްސާކޮށް ޕްރާންސް ގެ "ލަ ޕެރިސިއަން" ނޫހަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައި ވަނީ، ލޯޔަރުންނާ އެކު ބޭއްވި ބައްދަލު ވުމެއްގައި އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އޭނާގެ ފޯން ނަންބަރު ހޯއްދެވި ކަމަށެވެ. އަދި އެނާ ހިކުރީ އެއީ މައްސަލައިގެ އަޑުއެހުމަކާ ގުޅުން ހުރި މައުލޫމާތެއް ދޭން ވެގެން ކަމަށެވެ. އެކަމަކު ފަހުން އެ ފަނޑިޔާރުގެ 'ނިޔަތް އެނގުނު' ކަމަށް މެނަން އެ އިންޓަވިއުގައި ބުނެފައި ވެއެވެ.

މެނަންގެ އިންޓަވިއުގައި އޭނާ ބުނީ، އެ ފަނޑިޔާރު އޭނާއަށް ރެސްޓޯރަންޓަށް ދާން ދައުވަތު ދެއްވި ކަމަށާއި، އޭނާ ދިރިއުޅޭ ހޮޓެލުން ފަނޑިޔާރު އޭނާއާ ބައްދަލު ކުރަން ބޭނުންވެލެއްވި ކަމަށެވެ. އޭނާ ބުނީ އެ ފަނޑިޔާރަކީ އޭނާ އަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅަން ހުރި މީހާ ކަމަށެވެ.

ހުވަފެންފުށި ރިސޯޓުގެ ހާދިސާ މެނަން ސިފަކުރި ގޮތް

2017 ވަނަ އަހަރުގެ އޮކްޓޯބަރު 23 ވަނަ ދުވަހު އެ ހާދިސާ ހިނގި އިރު މެނަން އެ ރިސޯޓުގައި މަސައްކަތް ކުރާތާ ވީ އެންމެ މަހެކެވެ. އޭނާ އެ ރިސޯޓާ ގުޅުނީ ކޭޓަރިން ކޯޑިނޭޓަރެއްގެ ގޮތުގައެވެ. އެ ހާދިސާ ހިނގި ދުވަހު ރިސޯޓު މެނޭޖްމަންޓުން މެނަން ގާތު އެދުނީ 2 ދުވަސް ވަންދެން، 3 ކުޑަކުދިންގެ "ބޭބީސިޓާ" އަކަށް ވެ ދިނުމަށެވެ. އެއީ އައިރިޝްގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ 8 އަހަރުގެ ކުއްޖަކާއި، 4 އަހަރުގެ ކުއްޖެއްގެ އިތުރުން 1 އަހަރާ 11 މަހުގެ ކުޑަ ކުއްޖެކެވެ.

އެދުވަހު އޭނާއާ އެކު ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވި މެލޭޝިއާއަށް ނިސްބަތްތާ ރޫމް މެނޭޖަރު، ރިސޯޓަށް އަލަށް އައި ޓުއަރިސްޓުން ތަކަކަށް މަރުހަބާ ކިޔުމަށްޓަކާ އެތަނުން ދިޔައެވެ. ދެން އެކުދިން ބެލެހެއްޓުމަށްޓަކާ ޕޫލް ކައިރީ މެނަން އަށް އިންނަން ޖެހުނީ އެކަންޏެވެ.

އެކުދިން ރޫމަށް ގެންދާ ވަގުތު ޖެހުމާއެކު ކުޑައަށް ތިބި ދެބެންގެ ސަކަރާތް ބޮޑުވިއެވެ. އެހެން ކަމުން މެނަން ނިންމީ 8 އަހަރުގެ ކުއްޖާ އަތިރިމަތީ ފަރާތުން ދިޔަ ދޭށެވެ. މެނަން އެ ކުދިން މަތަ ކުރުމުގައި އަވަދިނެތި އުޅެނިކޮށް 4 އަހަރުގެ ފަތަންވެސް ނުދަންނަ ކުޑަ ކުއްޖާ ޕޫލަށް އެރުނެވެ. ހަމަ އެވަގުތު 2 އަހަރުގެ ކުއްޖާ ރިސޯޓުގެ މައިމަގުން ދުއްވައި ގަތެވެ. މެނަން ފުރަތަމަ އަވަސްވެ ގަތީ ޕޫލަށް ފުންމާލި ކުއްޖާ ސަލާމަތް ކުރުމަށެވެ. އެއަށްފަހު މެނަން 2 އަހަރުގެ ކުއްޖާ ދިޔަ ދިމާލަށް ދުއްވައިގަތެވެ. މެނަން އަވަސްއަވަހަށް އެ ސަރަހައްދު ބަލާ ހޯދަން ފެށިއެވެ. ބޮޑަށް ތިބި ދެކުދިން އެދެބެންގެ ބައްޕައާ ހަވާލު ކުރުމަށްފަހު ކުޑަކުއްޖާ ގެއްލުނު ވާހަކަ މެނޭޖަރަށް އެންގިއެވެ. އޭގެ ކުޑަ ވަގުތު ކޮޅެއްފަހުން ރިސޯޓުގެ ސްޓާފަކަށް ފެނުނީ އެކުއްޖާ ޕްރައިވެޓް ޕޫލަކަށް ގެނބިފައި އޮއްވައެވެ.

ތަހުގީގާ ބެހޭ ގޮތުން!

މެނަން ބުނީ، ގެނބިގެން މަރުވި ކުއްޖާގެ ބައްޕަ ތަހުގީގަށް ދިން ބަޔާނުގައި ކުއްވެރި ކޮށްފައިވަނީ، އެ ރިސޯޓުގެ މެނޭޖްމަންޓު ކަމަށެވެ. އެކަމަކު ތަހުގީގު ނިމިގެން ދިޔައިރު މައިގަނޑު ގޮތެއްގައި އެހާދިސާގެ ޒިންމާ ނަގަންޖެހޭ މީހަކީ މެނަން ކަމުގައި ނިމިފައި ވާކަމަށެވެ.

މަރުވި ކުޑަކުއްޖާގެ ބައްޕަ ތަހުގީގަށް ދިން ބަޔާނުގެ ކޮޕީއެއްކަމަށް ލަޕެރިސިއަން ގައި ބުނެފައިވާ ލިޔުން / ފޮޓޯ: ލަޕެރިސިއަން

"ފުލުހުން ކޮންމެ ދުވަހަކު އަހަންނާ ސުވާލުކުރޭ. އަހަރެން އެ ހަފްތާތެރޭ ސައިކޮލޮޖިސްޓެއްގެ ކައިރިއަށް ވެސް ދިޔައިން. އެކަންތައްގަނޑުވަނީ ވަރަށް ބޮޑަށް އޮޅުން ބޮޅުންވެފަ އެއީ އޭރުވެސް އަހަރެން ހުރީ ޝޮކެއްގައި" މެނަން ގެ އިންޓަވިއު ގައި ބުނެފައި ވެއެވެ.

ރިސޯޓުން ކަންތައް ކުރި ގޮތް

މެނަން ބުނީ ތަހުގީގު ހިނގަމުންދާތާ ހަފްތާއެއް ފަހުން ދިވެހި ބަހުން އޮތް ލިޔުމެއްގައި މެނަން ލައްވާ ސޮއެ ކުރުވި ކަމަށާއި، (ސޮއެކުރި އިރު) އޭގައި ލިޔެފައިވާ އެއްޗެއް އޭނާއަށް ކިޔަން ނޭނގޭ ކަމަށެވެ.

"އަހަރެން ގާތު ބުނީ އަހަންނާމެދު ހަމައެކަނި ޝައްކު ކުރެވޭ ކަމަށް. އެކަމަކު އަސްލު އޭގައި ލިޔެފައި ވަނީ ކުއްޖާ މަރުވި ކަމުގެ ތުހުމަތު ރައްދުވާ ފަރާތަކީ އަހަރެން ކަމަށް" މެނަން ބުނެފައި ވެއެވެ.

މެނަން ބުނީ އެކަންތައްގަނޑުގެ ވާހަކަ އޭނާގެ އާއިލާއަށް ވަގުތުން އަންގާފައި ނުވާ ކަމަށެވެ. އަދި ރިސޯޓުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އާއިލާ މީހުން ގާތު އެވާހަކަ ނުބުނުމަށާއި އޭނާއަށް އިތުބާރު ކުރުމަށް މެނަން އަށް އަންގާފައި ވާކަމަށް ވެސް މެނަން ގެ އިންޓްވިއު ގައި ބުނެފައި ވެއެވެ.

ރާއްޖެއިން ފިލުން

2018 ވަނަ އަހަރު މެނަން ވަނީ އޭނާގެ އާއިލާއަށް އެކަން އަންގާފައެވެ. އެއަށް ފަހު، އާއިލާގެ އެހީތެރި ކަމާއެކު މެނަން ވަނީ ރާއްޖެއިން ފިލާފައެވެ. މެނަން ރާއްޖެއިން ފިލީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މުއްދަތު ހަމަވެފައި ވަނިކޮށެވެ. އަދި ރާއްޖެއިން ބޭރަށް ދިޔައީ ދެކުނުގެ ރަށެއްގައި ހުރެފައި ރާއްޖެއިން ބޭރަށް ފުރާ ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން ކަމަށް އޭނާ ބުނެއެވެ.

"މި ކަންތައްތައް އަހަރެންގެ މުޅި ހަޔާތް ބަރުބާދު ކޮށްލައިފި"

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް މެނަން ދަތުރު ކުރި ބޯޓު ނުކުތުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަކަމަށް އޭނާ ސިފަ ކޮށްފައިވެއެވެ. އެ ހާދިސާއަށް ފަހު އޭނާގެ މުޅި ހަޔާތް ބަދަލުވެފައި ވާކަމަށް އޭނާ ބުނެއެވެ. އަދި މިއަދާ ޖެހެންދެންވެސް ކުޑަކުއްޖަކާ ކުރިމަތިލާން ޖެހުމުން "ޕެނިކް" ވާކަމަށް މެނަން ބުނެއެވެ. އޭނާ ބުނީ އޭނާގެ ހަޔާތް ބަރުބާދު ކޮށްލި ހާދިސާއަށް ފަހުވެސް އޭނާ ދިރިހުރީތީ އުފާކުރާ ކަމަށެވެ. އަދި އަންހެނުންނަށް ހުރިހާ ހައްގަކާއި މިނިވަން ކަމެއް ކަށަވަރު ވެފައިވާ ގައުމެއްގައި މިއަދު ހުރެވޭ ކަމުން އުފާ ކުރާކަމަށް މެނަން ބުނެއެވެ.