އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގެ މައްސަލައިގާ އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ރެޑް ނޯޓިސް ބާތިލު ކޮށްފައިވަނީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގާ އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ 4 މީހުންނަކީ، އެމްއެމްޕީއާރުސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލާއި، އައްލާމް ލަތީފް (މޮހޯ) އާއި، މުހައްމަދު ހުސައިން (އޮއިއްޓެ) އާއި އަހުމަދު އިޝްފާހު އަލީ އެވެ. އެކަމަކު ރެޑް ނޯޓިސް ނެރުނު އިރު އެމީހުން ވަނީ ރާއްޖެއިން ފިލައިގެން ގޮސް އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯދާފައެވެ.

ފުލުހުން ބުނީ އެ ފަރާތްތައް ހޯދަން ރެޑް ނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އަދި ރެޑް ނޯޓިސް ނެގީ މިހާރު އެފަރާތް ތަކަށް ފުލުހުންނަށް އެކްސެސް ވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގިފައިވާތީ އިތުރަށް އެ ނޯޓިސް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުނެ ކަމަށެވެ. އަދި އެމީހުންނަކީ މިހާރު އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށުގައި ތިބި ބައެއް ނަމަވެސް އެމީހުންނާ ހަމައަށް ފުލުހުންނަށް މިހާރު އެކްސެސް ލިބިފައި ވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން ޖަމާ ކޮށްފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވެއެވެ.