ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫއަށް ރާއޖޭގެ މޫސުމާ ބެހޭ އިދާރާ މީޓިއޮރޮލޮޖީ އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މި ވައިޓް އެލާޓް މިއަދު 10:30 ން ފެށިގެން 15:00 އާ ހަމައަށް ދެމިގެން ދާނެ ކަމަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ، އިއްޔެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އާ ދެމެދު ސ. ގަމަށް 75 މިލިމީޓަރުގެ ވާރޭ އަދި ލ. އަތޮޅަށް ހަތް މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އޭގެ އިތުރުން އިއްޔެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އާ ދެމެދު ތ. ބުރުންޏަށް 55 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އިއްޔެވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އެ ރަށު މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރި ވެފައިވެއެވެ.

ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފައި ވެއެވެ. އިސްތިސްގާ ނަމާދަށް ފަހު ރާއްޖޭގެ ގިނަ ސަރަހައްދު ތަކަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.