ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ގދ.ތިނަދޫގައި ގާއިމްކޮށްފިއެވެ.
މިއަދު ތިނަދޫގައި ޑީޓޮކްސިފިކޭޝަން ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެން ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފެވެ. މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ވަނީ އެ ތަނާއި އެ ތަނުގައި ދޭ ފަރުވާތައް ބައްލަވައިލައްވާފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިއުނިޓީ ރިހެބިލިޓޭޝަން ފަރުވާގެ އިތުރުން ސައިކޯސޯޝަލް ފަރުވާ ހިމެނެއެވެ. އަދި މި ސެންޓަރުން ފަރުވާ ނިމިގެން މުޖުތަމައުއަށް ނިކުންނަ މީހުން އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނަވާނެ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓަރުގެ މި ދަތުރުފުޅުގައި ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ގދ.އަތޮޅު ކައުންސިލާއި ގދ.ތިނަދޫ ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމިޓީގެ އިރުތުން ޑޮކްޓާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާއި ކޮމިޔުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ) އަށް ވެސް ޒިޔާރަތްކުރައްވާ އެތަންތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫއާއި ހދ.ހަނިމާދޫގައި ކުރިން މިފަދަ ޑީޓޮކްސިފިކޭޝަން ސެންޓަރު ގާއިމް ކޮށްފައިވާތީ ތިނަދޫގައި މި ސެންޓަރު ގާއިމް ކުރުމާއި އެކު ރައީސްގެ މި ވައުދުވެސް ފުރިހަމަ ވީއެވެ.