ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހެންވޭރު ބުރެވިމާގޭ އަލްމަރްހޫމް މުހައްމަދު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން ސަރުކާރުން ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމް ކުރާ މި ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މުހައްމަދު ޒާހިރަކީ، 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަން ކުރައްވާފައިވެއެވެ.
އަދި ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމާއި ކަސްޓަމަސްގެ ވެރިޔާ ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ. އަދި އޭގެފަހުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޒާހިރު ވަނީ މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަމާއި، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމު ފުރުއްވާފައިވެއެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވަނީ ކަސްޓަމްސްގައެވެ.
ޒާހިރަށް ނިޝާން އިއްޒުއްދީނުގެ އިިއްޒަތުގެ ވެރިކަމުގެ ލަގަބް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހު ބޭއްވި ރަސްމީ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޒާހިރު އަވަހާރަވީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ.