ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި، ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއާ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުރު ހިދުމަތްތައް ފަށާ، މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.

ނައިބު ރައިސް ވިދާޅުވީ، ސަރުކާރުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށެވެ. އަދި އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއެވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ރާއްޖެ އަށް ސިއްހީ ހިދުމަތްތައް ފުޅާ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ދާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.