ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުވުމުގެ ޝަކުވާތައް ގިނަވުމުގެ ސަބަބުން ޓެކްސީގައި ހަރުކުރާ މީޓަރުގެ ގޮތުގައި މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރަން ޓްރާސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޓެކްސީ މީޓަރުގެ ގޮތުގައި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އޭގެ ތަފުސީލް މައުމޫމާތުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މީޓަރު ޓެކްސީ އެޕްލިކޭޝަންގެ ހިދުމަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ފެށޭވަރު ވާނެކަމަށެވެ.

ޓެކްސީގެ މައްސަލަތަކާއި ޝަކުވާތަކަކީ ރާއްޖޭގައި ބޮޑު ޝަކުވާއަކަށް ވެފައި ވާއިރު، ޓެކްސީތަކުގައި ބޭނުން ކުރެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ވަކި އެޕްލިކޭޝަންތަކެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

މާލޭތެރޭގައާ ހުޅުމާލެ ތެރޭގައި މިހާރު ކުރާ ކޮންމެ ޓެކްސީ ދަތުރަކަށް ނަގަމުން އަންނަނީ 25 ރުފިޔާގެ ފީއެކެވެ. އަދި ސިނަމާލެ ބްރިޖުން ހުޅުމާލެ އަށް ނުވަތަ ހުޅުލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް 250 ރުފިޔާގެ ފީ އެއް ނެގުމުގެ ސަބަބުން އެ ޝަކުވާ ބޮޑުވެ، ޓްރާންސްޕޯޓް މިނިސްޓަރު ޓެކްސީ ޑްރައިވަރުންނާއި ބައްދަލު ކުރައްވާ މި އަގު ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން މިހާރު ބްރިޖުން ހުޅުމާލެ އަށް ނުވަތަ ހުޅުލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ނަގަނީ 100 ރުފިޔާގެ ފީއެކެވެ.