"ހިޔާ" މަޝްރޫއާއި، "ގެދޮރުވެރިކުރުވުން" މަޝްރޫއު އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާ، އެ މަޝްރޫތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތުގެ މައްސަލަ ބަލަން އުފެއްފި ކޮމިޓީގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭކަމަށް އެ ކޮމިޓީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މެންބަރަކު ވިދާޅުވީ ފުލެޓްތަކުގެ މައްސަލަތައް ހީކުރިވަރަށް ވުރެ އުނދަގޫ ކަމަށެވެ. އަދި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް މިހާރު ބަލަމުންދާ ކަމަށާއި، ނިންމާލެވޭނެ ދުވަހެއް ދަންނަވަން އުނދަގޫ ކަމަށެވެ.

"އަޅުގަނޑުމެން ބައިވަރު ކަންތައް އެއްފަހަރާ މި ކުރަނީ. ދެން މިއީ 23،000 އެއްހާ ފޯމްގެ ވާހަކަ. ޝަކުވާތައް ބެލުމުގެ ކަންކަން ފަށައިގެން ކުރިއަށް މިދަނީ. މިހާރު ކުރިއަށް އެބަ ގެންދަން ގުޅިފަޅު މައްސަލަވެސް. މިހާރު މަސައްކަތް ކުރާ ގޮތަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައި ވަނީ. ފަހުން ހާމަކުރާނަން. ވަރަށް އުނދަގޫ މަސައްކަތެއް" ކޮމިޝަންގެ މެންބަރު ވިދާޅުވިއެވެ.

ފުލެޓް މައްސަލަ ބަލާ ކޮމިޝަންގެ މެންބަރު ވިދާޅުވީ ފުލެޓް ދިނުމުގެ ކަންކަން ގެންގޮސްފައި އޮތް ގޮތުން ވަރަށް ގިނަ ކަންކަން ބަލައިގެން ނޫނީ މިކަން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފޯމްތައް އެބަހުރި ހަމައެކަނި ނަން ޖަހާފައި ފުލެޓް ދީފައި. އަދު ހާލަތު ބަޔާން ނުކޮށް ހުރި ފޯމްތައް ވެސް އެބަހުރި. ފުދޭވަރަކަށް އެބަހުރި. މަސައްކަތުގެ ތާވަލަށާއި މަސައްކަތަށް ބަދަލުތަކެއް އައިސްފައިވަނީ" ކޮމިޝަންގެ މެންބަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ހިޔާ" އަދި "ގެދޮރުވެރިކަމުގެ" މަޝްރޫއުން ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ބުނެ އެކަމުގެ ޝަކުވާ ބޮޑެވެ. އަދި ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ފުލެޓް މައްސަލައިގައި ހައުސިން މިނިސްޓްރީން ބުނީ، ކޮމިޓީން މައްސަލަ ބަލާ މިނިސްޓްރީއަށް ހުށަހެޅުނުހާ އަވަހަކަށް ފުލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ކޮމިޓީގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލުމަށް ތާވަލުކޮށްފައިވާ ކަމަށާއި، ފުލެޓްތަކާއި ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރެވޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ.