ރައީސްގެ ސްޕެޝަލް އެންވޯއީ ކަމުގެ މަގާމުން ވަކިކުރަން އުޅޭ ކަން ސަރުކާރުން އަދި އަންގާފައި ނުވާ ކަމަށް އެ މާގާމުގައި މިހާރު ހުންނެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މަގާމުން ވަކި ކުރަން އުޅޭކަމުގެ ހަބަރުތައް ބައެއް މީޑިއާތަކުގައި ފެތުރިފައިވާތީ ޖާބިރު ވިދާޅުވީ، ސަރުކާރުން ނުރަސްމީ ގޮތެއްގައިވެސް އެކަން އޭނާއާ ހިއްސާ ކޮށްފައި ނުވާކަމަށެވެ. އަދި އެ ކަން އޭނާއަށް އެނގިވަޑައިގެންނެވީ މީޑިއާ އެއްގައި ލިޔެފައިވާ ހަބަރަކުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މިމަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖާބިރު ވަނީ ކާށިދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބު ވެ ވަޑައިގަންނަވާފައެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ވާ ގޮތުން މަޖިލީހުގެ މެންބަރަކަށް، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ވަޒީފާއެއް ފިޔަވާ ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ. އެހެން ކަމުން ޖާބިރު މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވާ ހިސާބުން ފެށިގެން މިހާރު ހުންނެވި މަގާމު ގެއްލޭނެއެވެ.

މަޖިލީހަށް ހޮވުނު މެންބަރުން މަގާމުގެ ހުވާ ކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 28 ވަނަ ދުވަހުގައެވެ.