ކޯލިޝަން ވަރުގަދަ ކުރެއްވުމަށާއި ދެމެހެއްޓެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ރައީސް ސޯލިހާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށްފަހުގައެވެ. އަދި މިއަދު މަޝްވަރާ ކުރެއްވުނު ކަންތައްތަކާ މެދު ފުރިހަމައަށް އެއްބަސްވެވަޑައިގެންފައި ވާތީ އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އެކަމަކު އެ ކަންތައްތަކުގެ ތަފްސީލް މައުމޫން ހާމަ ކުރައްވާފައެއް ނުވެއެވެ.

ރައީސް މައުމޫނަކީ، މިހާރު އޮތް ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމުގައި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިއަދާ ޖެހެންދެންވެސް ރައީސް މައުމޫން ދެމި ހުންނެވީ ސަރުކާރާ އެކުގައެވެ. ރައީސް މައުމޫނުގެ އިތުރުން، ކޯލިޝަންގައި ހިމެނެނީ، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއެވެ.