މަޖީދިއްޔާ ސްކޫލްގެ ކުއްޖަކަށް ހަނގާކުރި މައްސަަލާގައި ހަނގާ (ބުލީ) ކުރި ދަރިވަރާމެދު ފިޔަވަޅު އަޅާނީ އޮންނަ އުސޫލުގެ މަތިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކަށް، ހަމަ އެ ސްކޫލްގެ ދަރިވަރަކު ހަނގާކޮށް އަނިޔާ ކުރިކަމަށް ބުނެ ކުއްޖާގެ އާއިލާއިން ކުރި ޓްވީޓެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. ހަނގާގެ ޝިކާރައަކަށްވި ކުއްޖާގެ ބޮޑުބޭބެ ކުރި ޓްވީޓްގައި ވާގޮތުން މި މައްސަލަ ވަނީ ސްކޫލްގެ މެނޭޖްމެންޓްގެ ސަމާލުކަމަށް ގެނެވި، އެއްވެސް ހައްލެއް ނުލިބިފައެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް 'ދަ ޕްރެސް' އަށް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ އެކަން ހިނގިގޮތް ބަލަމުން ކަމަށާއި ހަނގާކުރުމަށް އެ މިނިސްޓްރީން ދެނީ 'ޒީރޯ ޓޮލަރެންސް' ކަމަށެވެ. އަދި ހަނގާކުރި ކުއްޖާއާ މެދު ފިޔަވަޅު އެޅޭނީ އެ މިނިސްޓްރީން ގެންގުޅޭ ތައުލީމީ ނިޒާމުގައި ހަނގާކުރުން ހުއްޓުވުމުގެ އުސޫލުގެ މަތިން ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

ހަނގާކުރުން ހުއްޓުވުމުގެ އުސޫލުގައި ވާ ގޮތުން ހަނގާކުރާ ދަރިވަރު ނުވަތަ ދަރިވަރުންނާ މެދު ފިޔަވަޅު އަޅާނީ ރުޖޫއީ އިންސާފުގެ ހަމަތަކުގެ ތެރެއިން ކަމަށެވެ. އަދި މައްސަލައިގެ ބާވަތާއި ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު ދަރިވަރުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި މައްސަލާގައި ހިމެނޭ ދަރިވަރުންނާއި ބެލެނިވެރިންނާއެކު ރެސްޓޮރެޓިވް ކޮންފަރަންސެއް ސްކޫލުން އިންތިޒާމް ކުރާނެކަމަށް އެ އުސޫލުގައި ވެއެވެ. މީގެ އިތުރުން ދަރިވަރެއްގެ ފަރާތުން ފެންނަ ހަނގާކުރުމުގެ އަމަލަކީ އެދަރިވަރަކަށް އެހީތެރިކަން ބޭނުންވާ ކަމުގެ ނިޝާނެއް ކަމަށާއި އަނިޔާލިބޭ ދަރިވަރުގެ އިތުރުން ހަނގާކުރާ ދަރިވަރު ނުވަތަ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ސްކޫލުން ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ. އެގޮތުން ހަނގާކުރާ ދަރިވަރަށް ކައުންސެލަރަކު ނުވަތަ ލައިފް ސްކިލްސް ފެސިލިޓޭޓަރަކު މެދުވެރިކޮށް، އެހެން މީހުންނަށް އިހްތިރާމް ކުރުން، ރުޅި އިސްނުކޮށް ދޭދޭ ދަރިވަރުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ހުނަރުތަކާއި ގުޅޭ ސެޝަންތައް ނަގައިދިނުމަކީ ސްކޫލުގެ ޒިންމާއެކެވެ.