އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ އެސްއޯއެފް ކުންފުންޏާ އެކު ކުރައްވާފައިވާ ފައިސާގެ މުއާމަލާތާ ގުޅިގެން ސަސްޕެންޑް ކުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުވާލައްވައިފިއެވެ.

އަކްރަމްގެ ސަސްޕެންޝަން މިއަދު އުވާލައްވާފައިވާ އިރު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން ވެސް ރައީސް ސޯލިހު ވަނީ އުވާލައްވާފައެވެ. އެސްއޯއެފުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް، އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެއެވެ. ނަމަވެސް މި މައްސަލައިގައި އަކްރަމް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އަކްރަމް ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ވަކި ގޮތެއް އަންގަވަންދެން ގޭގައި މަޑުކުރުމަށް ވެސް ރައީސް އެންގެވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅުން ހުރި މުއާމަލާތްތަކާއި ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ބޭފުޅަކު ސަސްޕެންޑް ކުރިއެވެ. މަހުލޫފާއި އަކްރަމްގެ އިތުރުން ދެން ސަސްޕެންޑް ކުރީ ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމެވެ.