ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކަކަށް ފަހު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރުފަހު 12:40 އިން މެނދުރު ފަހު 15:40 އާ ދެމެދު ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:15 އިން މެނދުރު ފަހު 3:15 އާ ދެމެދު ޅ. އަތޮޅުން ފެށިގެން ލ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބުނެ އެ ސަރަހައްދަށް ވައިޓް އެލާޓް ވެސް ނެެރެފައެވެ. އަދި މެޓް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ރޭ ފަތިހު 4:15 އިން ހެނދުނު 9:15 އާ ދެމެދު ނ.އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށްވެސް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

މާލެއާ ހުޅުމާލެއަށް ރޭ ވަނީ ވާރޭ ވެހިފައެވެ. އެގޮތުން މާލެއާ ހުޅުމާލެއަށް ރޭ އަށް މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވާރޭ ނުވެހޭތާ ގިނަ ދުވަސްވުމާއެކު އިއްޔެ މެންދުރު ނަމާދަށް ފަހު ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފައެވެ. އިސްތިސްގާ ނަމާދަށް ފަހު މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވިލާ ފެނިފައިވެއެވެ. އަދި އެ ނަމާދުކުރަމުން ދިޔަ ވަގުތުގައިވެސް މާލެއަށް ތުނިކޮށް ވާރޭ ވެހިފައިވެއެވެ.