ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައިވާ ފަސް ބިލެއްގެ ސުންގަޑި ހަމަވެފައިވާތީ މި މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ފަސް ބިލެއްގެ ސުންގަޑި އިތުރުކޮށްފައި ވަނީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީ މެންބަރުންގެ ލަފަޔާއެކުގައެވެ. މީގެ ތެރެއިން ބައެއް ބިލްތަކުގެ ސުންގަޑި އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ކޮމިޓީއަށް ފޮނުވާފައިވާ ބިލްތަކަކީ، މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މާފަންނު އުތުރު ދާއިރާގެ މެންބަރުން އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލާއި، މިދިޔަ އަަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި ސިޔާސީ ޕާޓީގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އުވާލުމުގެ ބިލާއި، މިދިޔަ އަހަރުގެ ޖުލައި ދެވަނަ ދުވަހު ކުރީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަލީމު އުސްމާނު ހުށައެޅުއްވި ސިޔާސީ ޕާޓީގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ޖުލައި ދެވަނަ ދުވަހު ކުރީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ހުށައަޅުއްވާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާއި، މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ރިޔާސީ ކޮމިޝަންގެ ބިލުގެ ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ކޮމިޓީން ފާސްކުރި ގޮތަކަށް ނޫންކަމުގައި ބަޔާންކޮށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެން، އެކަން ހިނގައިފައިވާގޮތް ބައްލަވައިދެއްވުމަށް މަޖިލީހުގެ އަމީންއާންމު ސޮއިކުރައްވައި ފޮނުވާފައިވާ މެމޯގެ މައްސަލައެވެ.

އިއްޔެ ނިޔަލަށް މި ބިލްތަކުގެ ސުންގަނޑި ހަމަވެފައި ވާއިރު، މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވި އަށް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަނީ ބިލުތަކުގެ ސުންގަނޑި އިތުރުކުރުމަށް ވޯޓު ދެއްވާފައެވެ. ސުންގަނޑި އިތުރުކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިހޔާމެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުުން ވަނީ ކުދި ކުދި މައްސަލަ ހުރި ބިލްތައް އަވަހަށް ނިންމަވާ މާދަމާއަށް ވެސް މަޖިލީހުގެ ތަޅުމަށް ބިލްތައް ފޮނުއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރަން ނަން ފޮނުވާފައިވާތީ އެ މައްސަލަ ދިރާސާ ކުރުމަށް ވަގުތު ނަގާނެތީ އެކަން ކުރުމަށް ވަގުތު ދިނުމަށް ވަގުތުން ވަގުތަށް އެއްވެސް ބިލެއްގެ މަސައްކަތް ނިންމުން އުނދަގޫވާނެ ކަމަށް ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވިއެވެ. އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލި 26 ބޭފުޅެއްގެ ނަން ވަނީ ކޮމިޓީއަށް ފޮނުވާފައެވެ. އަދި މީގެ ތެރެއިން ފަސް ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވަން ޖެހެއެވެ.

ކޮމިޓީތައް ނުބޭއްވި ބައެއް ބިލްތަކުގެ ސުންގަނޑި ހަމަވެފައިވަނީ ނިމިގެންދިޔަ މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމުގައި މެންބަރުން އުޅުއްވުމުން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ކޮމިޓީ ތެރެއިން ވާހަކަ ދެއްކުމަށްފަހު ގާނޫނޫ ހިދުމަތުގެ ބިލު މާދަމާއަށް އެޖެންޑާ ކުރައްވާނެކަމަށް ރިޔާޒު ވިދާޅުވިއެވެ.