ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ ބަހާ 5000 ހެލްމެޓުގެ ތެރެއިން ލ.އަތޮޅަށް ބަހަން ހަމަޖެހިފައިވާ 700 ހެލްމެޓް ބެހުމުގެ ގޮތުން ބާއްވާ ޕްރޮގްރާމް މާދަމާ ފެށޭނެއެވެ.

ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ބެހުމަށް ހަމަޖެހިފައިވަނީ ބޮޑެތި މީހުންގެ 700 ހެލްމެޓެވެ. އަދި މި ހެލްމެޓު ބެހުމަށް ބާއްވާ ތިން އެވެއާނެސް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހާއި ބްރާސްފަތި ދުވަހުއެވެ. ޓްރާސްންޕޯޓް އޮތޯރިޓީން ބުނީ، މި ސެޝަންތައް ކުރިއަށް ދާނީ ލ.ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައި ކަމަށެވެ.

އެގޮތުން ފުރަތަމަ ސެޝަން އޮންނާނީ މާދަމާ ރޭ 8:00 އިން ފެށިގެން 10:00 އަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އެ އޮތޯރިޓީން ބުނީ ދެވަނަ ސެޝަން އަންނަ ބްރާސްފަތި ދުވަހު ހެނދުނު 9:00 އިން ފެށިގެން 11:00 އަށް ބާއްވަން ހަމަޖެހިފައިވާ އިރު ތިން ވަނަ ސެޝަން އޮންނާނީ ބްރާސްފަތި ދުވަހުގެ ރޭ 8:00 އިން ފެށިގެން 10:00 އަށް ކަމަށެވެ. އަދި މި ސެޝަންތަކުގައި ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ސެޝަން އޮންނަ ދުވަހާއި ގަޑި އެސްއެމްއެސް އަކުން ފޮނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ މަގުމަތީގެ އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލު ބަޔަކަށް ހެދުމާއި ބާރަށް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއް ކަން އުޅަނދު ދުއްވާ ފަރާތް ތަކަށް ވިސްނައިދިނުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެއެވެ.