އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިމެނޭ އެސްއޯއެފާއެކު މުއާމަލާތް ހިންގިކަމުގެ ތުހުމަތުގައި ސަސްޕެންޑްކުރި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލާ މިއަދު އޮފީހަށް ނުކުންނަވަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މަހުލޫފްގެ ސަސްޕެންޝަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އުވާލައްވައިފި ކަމަށާއި، މިއަދުން ފެށިގެން މަހުލޫފް އޮފީހަށް ނުކުންނަވަން ފަށައިފިކަމަށެވެ.

މަހުލޫފް ސަސްޕެންޑް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ސަސްޕެންޝަން އުވާލެއްވުމާއެކު، ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވެސް މަހުލޫފް ބައިވެރިވެވަޑައިގެންފައިވެއެވެ.

އޭސީސީން ވެސް ވަނީ މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް، އެކޮމިޝަނުން ބަލަމުން ނުދާ ކަމަށް ބުނެފައެވެ. އޭސީސީއަށް މަހުލޫފް ހުށަހެޅި މައްސަލައިގެ ޖަވާބުގައި އޭސީސީން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް ބަލާފައިނުވާ ކަމަށާއި އަދި މިހާރުވެސް ބަލަމުން ނުގެންދާ ކަމަށެވެ.

އެކަމަކު، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީން ނެރުނު ރިޕޯޓުގައި، އެސްއޯއެފް ކުންފުންޏާ އެކު މަހްލޫފް ފައިސާގެ މުއާމަލާތްތަކެއް ހިންގަވާފައިވާކަން ހާމަ ވެފައި ވެއެވެ. އެކަމާ ގުޅިގެން، ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާއަށް އަންގަވާފައިވެއެވެ.

އޭސީސީ ރިޕޯޓުގައި ވާގޮތުން ހިންގާފައިވާ މުއާމަލާތަކާ ގިޅިގެން މަހުލޫފުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ވަނީ 33،000 ޑޮލަރު ޖަމާ ވެފައެވެ. ނަމަވެސް މަހުލޫފު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ.