ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު މުވައްޒަފުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކިކަން ސާބިތުވާ ވަރަށް އޯޑިއޯ ރެކޯޑިން އެބަހުރި ކަމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކާނެކަމަށް ބުނެ ދައްކަމުން ގެންދަނީ މޮޅެތި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އަމަލު ކުރަމުން ގެންދަނީ އެއާ ސީދާ އިދިކޮޅަށް ކަަމަށާއި، މަޖިލިސް އިންތިހާބުގެ ތެރޭގައި ސަރުކާރުގެ އިސް ފަރާތްތަކުންނާއި، މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވި ކެލާ ދާއިރާގެ ކެންޑިޑޭޓް މުވައްޒަފުންނަށް ބިރު ދެއްކި ކަމުގެ ކޯލް ރެކޯޑިން އެބަހުރި ކަމަށް އާރިފް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަތުގައި ރެކޯޑިން އެބަހުރި އަޅުގަނޑަށް ތާއިދު ކޮށްފާނެހެން ހީވާ ނުވަތަ ތާއިދު ކުރާ ފެނަކަ ތަންތާގައި އުޅޭ މުވައްޒަފުންނަށް ސީދާ ސަރުކާރުގެ މަތީ ފަރާތްތަކުންނާއި އަޅުގަނޑާއި ވާދަކުރި ކެންޑިޑޭޓް ގުޅާފަ ވަޒީފާއިން ވަކިކުރާނެ ކަމުގެއިންޒާރުގެ އޯޑިއޯ" އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ކެލާ ދާއިރާގެ ވަރަށް ގިނަ މުވައްޒަފުން ވަޒީފާއިން ކަނޑާލާފައިވާ ކަމަށެވެ. އަދި ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެކަމަށް ސަރުކާރުން ބުނަނީ އެ ބިރުވެރިކަން އޮންނާނެ ފުރުސަތު ނުދީ ވަގުތުން ވަގުތަށް ވަޒީފާއިން ކަނޑާލާތީކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

"ދެން ބިރުވެރިކަމެއް ނޯންނާނެ، އެބުނަނީ ކަނޑާލާނެކަމަށް ނުބުނެ ވަގުތުން ކަނޑާލާތީ. އެހެންވީމާ މާގިނަ ދުވަހަކު ބިރުވެރިކަމެއްގައި ނުތިބޭނެ" އާރިފް ވިދާޅުވިއެވެ.

ޕީޕއެމްގެ ޓިކެޓްގައި ކެލާ ދާއިރާއަށް ދެވަނަ ފަހަރަށް ވާދަކޮށް އާރިފަށް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އޭނާއަށް 876 ވޯޓު ލިބިވަޑައިގެންނެވި އިރު، އެ ދާއިރާގެ އިންތިހާބީ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ލިބިވަޑައިގަތީ 1094 ވޯޓެވެ.